ގަވައިދާ ހިލާފަށް ސިނގިރޭޓުގެ ވިޔަފާރި ކުރި ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން އޭނާ ހައްޔަރު ކޮށްފައިވަނީ އަހަރާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަން ރިވެލީގެ ތެރެއިން، ހުޅުމާލޭގައި ގަވައިދާ ހިލާފަށް ސިނގިރޭޓު ވިއްކަމުން ދަނިކޮށެވެ.
އެގޮތުން އެ މީހާ ހައްޔަރުކުރީ ހުޅުމާލޭގައި ބަނގުރަލާއި މަސްތުވާތަކެތި އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސިންނާއި އެމީހުން ކުރަމުންދާ ގަވާއިދާ ހިލާފު ވިޔަފާރިތަކަށް އަމާޒުކޮށްގެން ހިނގި އޮޕަރޭޝަނެއްގައި އިއްޔެ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ، ބަންގަލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝުކޫރު ޢަލީ (44އ.) އެވެ.
އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު އޭނާގެ އަތުން 10 ސިނގިރޭޓް ފޮއްޓާއި، 3200 އަށްވުރެ ގިނަ ޔޫއެސް ޑޮލަރާއި، 2900 އަށްވުރެ ގިނަ ދިވެހި ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަދި އޭނާ އުޅެމުންދާ ތަން ބަލައި ފާސްކުރިއިރު 32 ކާޓޫން ސިނގިރޭޓާއި، 13 ފޮށި ސިނގިރޭޓް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލާގައި ހައްޔަރުކުރި ޝުކޫރު އަލީގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ވަނީ، 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.



