އިންޑޮނޭޝިއާގެ މަޝްހޫރު ފަތުރުވެރި މަންޒިލެއް ކަމަށްވާ ލަބޫއަން ބާޖޯ ކައިރީގައި އޮންނަ ޕަޑާ އައިލެންޑް ސްޓްރޭޓްގައި ފަތުރުވެރިން ގޮވައިގެން ދަތުރުކުރި ބޯޓެއް އަޑިއަށް ގޮސް ސްޕެއިންގެ އާއިލާއެއް ގެއްލިއްޖެއެވެ.
މި ހާދިސާ ހިނގިއިރު އެ ބޯޓުގައި ޖުމްލަ 11 މީހުން ތިބި ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ހާދިސާގައި ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން ހަތް މީހަކު މިހާތަނަށް ވަނީ ސަލާމަތްކޮށްފައެވެ. އޭގެ ތެރޭގައި ސްޕެއިންގެ ދެ ފަތުރުވެރިންނާއި، ބޯޓުގެ ހަތަރު ފަޅުވެރިންގެ އިތުރުން ޓުއާ ގައިޑެއް ހިމެނެއެވެ. ނަމަވެސް ބާކީ ތިބި ހަތަރު މީހުން އަދިވެސް ނުފެންނާތީ، އެމީހުން ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ދަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ.
ލަބޫއަން ބާޖޯ ބަނދަރު އޮތޯރިޓީން މައުލޫމާތު ދޭ ގޮތުގައި، މި ބޯޓު އަޑިއަށް ދިއުމަށް މެދުވެރިވި މައިގަނޑު ސަބަބަކީ މޫސުން ގޯސްވުމެވެ. ބޯޓު ދަތުރުކުރި ސަރަހައްދުގެ ރާޅުތަކުގެ އުސްމިން ތިން މީޓަރު (10 ފޫޓު) އަށް އުފުލިފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.
ބަނދަރު އޮތޯރިޓީގެ ވެރިޔާ ސްޓެފަނަސް ރިސްޑިޔަންޓޯ ވިދާޅުވި ގޮތުގައި މިކަމުގެ ސަބަބުންލ ފުރަތަމަ ސާޗް ކުރިއަށް ގެންދިއުމަށް ދަތިވިއެވެ. އަދި މޫސުން ގޯސްވުމުގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިއަދު ޕަޑާ އައިލެންޑް ވަނީ ފަތުރުވެރިންނަށް ބަންދުކޮށްފައެވެ.
ގާތްގަނޑަކަށް 17,000 ރަށް ހިމެނޭ އިންޑޮނޭޝިއާއަކީ ކަނޑުގެ މިފަދަ ހާދިސާތައް އާންމުކޮށް ހިނގާ ގައުމެކެވެ. ރިޕޯޓުތަކުން ދައްކާ ގޮތުގައި ގިނަ ފަހަރަށް މިފަދަ ހާދިސާތައް ދިމާވަނީ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފަރުވާކުޑަވުމާއި، ކުއްލިއަކަށް މޫސުން އާދަޔާ ހިލާފަށް ގޯސްވުމުގެ ސަބަބުންނެވެ.


