އެކި މައްސަލަތަކުގައި ނަފުސާނީ އަނިޔާ ލިބޭ މީހުންނަށް ދިވެހި އަދަބިއްޔާތުގެ ދާއިރާގެ އެހީގައި ފަރުވާދިނުމަށް ނުވަތަ ޅެންތަކުގެ ޒަރީއާއިން ފަރުވާ ދިނުމުގެ ދިރާސާއެއް ހަދާފައިވާ ކަމަށް ދިވެހި ބަހާއި ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ރޭގައި ވިދާޅުވެއްޖެއެވެ.
ރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ޅެމުން ފަރުވާ ދިނުމާ ގުޅޭ ދިރާސާއެއް އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ވަހީދު (އޮގަރު ވަހީދު) ހައްދަވާފައިވާ ކަމަށެވެ. އަދި އެއީ ވަރަށް ބޮޑު ދިރާސާއެއް ކަމަށާއި އެ ދިރާސާ އޭނާ އަށް މިހާރު ލިބިވަޑައިގެންފައިވާ ކަމަށް ވެސް މިނިސްޓަރު އާދަމް ނަސީރު ވިދާޅުވިއެވެ.
ޅެމުން ފަރުވާ ދިނުމާ ގުޅޭ ދިރާސާއެއް ރާއްޖޭގެ ގައުމީ ޔުނިވާސިޓީ އާއި ބައެއް އަމިއްލަ ފަރާތްތަކުން ވެސް ކުރަމުން އަންނަ ކަމަށާއި އެކަމަކު، މިހާތަނަށް ނިމިފައި ވަނީ އޮގަރު ވަހީދު ހެއްދެވި ”ބޮޑު ދިރާސާ“ އެކަނި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ދިވެހި ޅެންވެރިކަން ބޭނުންކޮށްގެން ނަފުސާނީ ބަލިތަކަށް ހާއްސަ ފަރުވާ ދެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ދިރާސާއެއް ކުރުމުގެ މަސައްކަތް ފެށިކަން މިނިސްޓަރު އާދަމް ނަސީރު އިއުލާންކުރެއްވީ މިދިޔަ އަހަރުގެ ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި ގދ. ތިނަދޫގައި ބޭއްވި ރަސްމީ ޖަލްސާގަ އެވެ.
އެގޮތުން މިނިސްޓަރ އާދަމް ނަސީރު ވިދާޅުވެފައި ވަނީ ޅެންވެރިކަމަކީ ހަމައެކަނި މުނިފޫހިފިލުވުމަށް ބޭނުންކުރާ އެއްޗެއް ނޫން ކަމަށާއި އެއީ އެ އަށް ވުރެ މާ ބާރުގަދަ ހަތިޔާރެއް ކަަމަށެވެ.
”ޅެމަކީ ސިއްހީ ފަރުވާދެވޭ ވަސީލަަތެއް. މިއީ ވަރަށް ކުރީއްސުރެ ދުނިޔޭގައި ހިނގަމުން އަންނަ ކަމެއް، ކުރަމުން އަންނަ ކަމެއް. ސަލާމްލެއްވި އީސާގެފާނުގެ 100 އަހަރު ކުރިން ވެސް ޅެމުން ސިއްހީ ފަރުވާދޭ ކަމަށްވޭ. އެކަމާ ބެހޭގޮތުން ހެދިފައި ހުރި ދިރާސާތައް އެބަހުރި“ މިނިސްޓަރު އާދަމް ނަސީރު ވިދާޅުވިއެވެ.



