ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޓާމިނަލްތަކުގައި މަސައްކަތްކުރާ މީހުންނަށް އިއްޔެ އެމްއޭސީއެލްއިން ފޮނުވި މެސެޖްގައި އެދުނީ މިއަދަކީ އެއާޕޯޓަށް ވަރަށް ބާރު ބޮޑުވާނެ ދުވަހެއް ކަމަށާއި އެހެންވެ ތޮއްޖެހުން ކުޑަކުރަން އެންމެން ވެސް ރަނގަޅަށް ހަރަކާތްތެރިވުމަށެވެ.
މިއަދު ރާއްޖެ އަންނާނެކަމަށް ލަފާކުރެވޭ ޕަސިންޖަރުންގެ އަދަދު ވެސް ހިމަނާފައި އެމްއޭސީއެލް އިން ފަހުންވެސް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އާ ޓާމިނަލަށް މިއަދު 10،500 ފަސިންޖަރުން އަންނާނެ ކަަމަށާއި ޓާމިނަލް 2 އަށް (ބާ ޓާމިނަލް)އަށް 600 ފަސިންޖަރުން އަންނާނެ ކަަމަށް ލަފާކުރެވޭ ކަމަށެވެ.
އެހެންކަމުން މިއަދު ރާއްޖޭގެ މައި އެއާޕޯޓަށް 11،000 ފަސިންޖަރުން އަންނާނެ ކަމަށް ބެލެވެއެވެ.
އެއާޕޯޓުން މިއަދު ފުރާނެ ކަަމަށް ލަފާކޮށްފައި ވަނީ ވެސް 11،000 ފަސިންޖަރުންނެވެ. އެހެންކަމުން މި އަހަރުގެ 26 ޖުލައިގައި އާ ޓާމިނަލް ހުޅުވި ފަހުން މިއީ އެއާޕޯޓު އެންމެ ބިޒީ ދުވަހެވެ.



