ސައިބަރ ކްރައިމް ސެންޓަރުން މިއަހަރުގެ މިހާތަނަށް 1095 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން މިކަން ހާމަކޮށްފައިވަނީ، ފުލުހުންގެ ސައިބަރ ކްރައިމް ސެންޓަރާއި އެންޓި ސްކޭމް ސެންޓަރުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އެ ބައްދަލުވުމުގަައި ފުލުހުން ވަނީ، ސައިބަރ ކްރައިމް ސެންޓަރަށް މިއަހަރު ހުށަހަޅާފައިވާ މައްސަލަތަކުގެ ތަފާސް ހިސާބު އާންމުކޮށްފައެވެ.
އެގޮތުން ފުލުހުން ވިދާޅުވީ، މިއަހަރުގެ މިހާތަނަށް ފުލުހުންގެ ސައިބަރ ކްރައިމް ސެންޓަރަށް 814 މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. މިއީ، އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 90 އިންސައްތަ އިތުރުވުމެއްކަން ފުލުހުން ފާހަގަކުރިއެވެ.
އެ ސެންޓަރަށް ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރު، އެންމެ ގިނައިން ހުށަހަޅާފައިވަނީ ސްކޭމް އަދި މަކަރާއި ހީލާތުގެ މައްސަލަތަކެވެ. މިއީ، ހުށަހެޅުނު މައްސަލަތަކުގެ 66 އިންސައްތައެވެ.
މީގެ އިތުރުން ފޯން ހެކް ކުރުމާއި، މީސް މީޑިއާ އެކައުންޓުތައް ހެކް ކުރުމުގެ މައްސަލަތަކާއި، ބްލެކްމެއިލް އަދި ޑިފެމޭޝަންއާއި ބިރު ދެއްކުމުގެ މައްސަލަތަކެއްވެސް ހުށަހަޅާފައިވާ ކަމަށް އެއިދާރާއިން ވިދާޅުވިއެވެ. މިއަހަރު ހުށަހެޅި މައްސަލަތަކުގެ 10 އިންސައްތަ މައްސަލައަކީ، ބްލެކްމެއިލްގެ މައްސަލަތައްކަން ފާހަގަކޮށް ފުލުހުން ވިދާޅުވީ، ރާއްޖެއިން ބޭރުގައި ތިބެގެން ރާއްޖޭގައި ދިރިއުޅޭ ފަރާތްތައް ބްލެކްމެއިލް ކުރުމުގެ ހަރަކާތްތަކެއް ހިންގަމުންދާކަން މިހާރު ފާހަގަކުރެވިފައިވާ ކަމަށެވެ. ފުލުހުން ވަނީ، މިއީ ކަންބޮޑުވާ މައްސަލައެއްކަން ފާހަގަކުރައްވާފައެވެ.



