ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމުގެ މަސައްކަތް ތަންފީޒުކުރަން އަންނަ ޖެނުއަރީ 1 ގައި (އައު އަހަރު ފެށޭ ދުވަހު) ފަށަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ މިއަދު ”އެކްސް“ މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ރައީސް ވިދާޅުވީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާގެ ވިޔަފާރިވެރިންނާއެކު 17 ޑިސެންބަރު 2025 ގައި ބޭއްވުނު ބައްދަލުވުމުގައި ވިޔަފާރިވެރިން ފާހަގަކުރެއްވި ކަންކަމުގެ އަލީގައި، އެ ދާއިރާ ކުރިއެރުވުމަށް މެނިފެސްޓޯގައި ކަނޑައަޅާފައިވާ ކަންކަމާއި ސަރުކާރުން އެ ދާއިރާއާއި ގުޅޭގޮތުން ކުރިޔަށް ގެންދާ އެކިކަންކަމުގެ ނަތީޖާ ހެޔޮގޮތުގައި ބައްޓަންކުރުމަށްޓަކައި، ކެބިނެޓުގައި މިދިޔަ ބުދަ ދުވަހު މަޝްވަރާކުރެވި ގިނަގުނަ ކަންތައްތަކެއް ނިންމާފައިވާ ކަމަށެވެ.
”މިގޮތުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި އިޢުލާނު ކުރި ކަންކަމުގެ އިތުރުން، ކުރިޔަށް އޮތް 2 އަހަރު ދުވަހަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްސަ ފިޔަވަޅުތަކެއް ތަންފީޒު ކުރާނެ 2 އަހަރު ގޮތުގައި ވަނީ ކަނޑައަޅާފައި. މީގެ ތެރެއިން ބައެއް ކަންކަން ޖެނުއަރީ 1، 2026 އިން ފެށިގެން ތަންފީޒު ކުރަން ފަށާނެ.“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މި ހުރިހާ ކަންކަމެއްގެ މަޢުލޫމާތު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ޢިއުލާން ކުރަމުން ދާނެ ކަމަށެވެ.



