އައިލެންޑް އޭވިއޭޝަނުން ހިންގާ މޯލްޑިވިއަންގެ އޮފީހެއް ފަޅާލައި، ކާގޯ ދެ ފޮށިގަނޑު ވަގަށް ނަގާފައިވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ހއ. ހޯރަފުށީގައި ހުންނަ މޯލްޑިވިއަން އޮފީހުގެ ދޮރު ހަލާކުކޮށްލައިގެން ވަދެ އެ އޮފީހުން ވައްކަން ކޮށްފައިވާ މައްސަލައެއްގެ 2025 ޑިސެންބަރު 28 ވަނަ ދުވަހުގެ 03:58 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެގޮތުން މިހާތަނަށް ބެލިބެލުމުން އެ އޮފީހުން ވަގަށް ނަގާފައިވަނީ ކާގޯ ދެ ފޮށިގަނޑުކަން އެނގިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށާއި މައްސަލަ ތަހުގީގު ކުރަމުންދާ ކަމުގައި ފުލުހުން ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން އަދި އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ދާދި ފަހުން ފުލުހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން ފުލުހުންނަށް ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަތައްކަން ފާހަގަވެއެވެ.



