ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓްރީ އޮފް ޑިފެންސްގެ ދަށުން ހިނގަމުންދާ ”އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް“ގެ ނަން ”އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑް“ގެ ނަމަށް މިއަދު ބަދަލުކުރައްވައިފިއެވެ.
މިކަން އިޢުލާންކުރައްވާފައިވަނީ، ރައީސް އޮފީހުން މިއަދު ޝާއިޢުކުރެއްވި، ނަންބަރު 2025/20 ދެންނެވުމުގައެވެ.
ރައީސް މުޢިއްޒު މި ބަދަލު ގެންނެވީ، ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތްތެރިކަން ބެލެހެއްޓުމުގެ ނިޒާމު އެކަށައަޅުއްވާފައިވާ ފަދައިން ދިވެހިރާއްޖޭގެ ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކާއި ޕޯޓް ފެސިލިޓީތަކުގެ ސަލާމަތްތެރިކަން ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރައްވައި، ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކުގެ ސަލާމަތްތެރިކަން ބެލެހެއްޓުމުގެ މަސައްކަތްތައް ސަރުކާރުގެ އިދާރާއަކުން ކުރާގޮތަށް ހަމަޖެއްސެވުމުގެ ބޭނުމުގައި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ، މިހައިތަނަށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށް ހަމަޖައްސަވައިފައިވާ ނަންބަރު 453 ކަމުގައި ވެސް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.



