އިސްރާއީލުގެ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ވީރާނާކޮށްލާފައިވާ ފަލަސްތީނުގެ ޣައްޒާގައި ނިކަމެތި ހާލުގައި ތިބި ފަލަސްތީނު މީހުންނަށް، ބޯ ވާރެ އާއި ގަދަ ފިނީގެ ސަބަބުން ބޮޑެތި ގެއްލުންތަކާ ކުރިމަތިވެއްޖެއެވެ.
މީޓިއޮރޮލޮޖިސްޓެއް ކަމަށްވާ ލައިތު އަލް އައްލާމީ ތުރުކީގެ އަނަޑޮލޫ ނޫސް އެޖެންސީއަށް ވިދާޅުވެފައިވާ ގޮތުގައި ފިނިމޫސުމުގެ ކޮޅިގަނޑެއްގެ ސަބަބުން އިއްޔެ ޣައްޒާ އަށް ބޯކޮޮށް ވާރޭ ވެހި ފެންބޮޑުވެފައިވެއެވެ.
މިއީ މި އަހަރުގެ ފިނި މޫސުމުގައި ޣައްޒާ އަށް ކުރިމަތިވި މިފަދަ ތިން ވަނަ ކޮޅިގަނޑެވެ. އަދި އޭގެ ހަތަރުވަނަ ކޮޅިގަނޑެއްގެ އަސަރު އަންނަ ހޯމަދުވަހުން ފެށިގެން ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މޫސުމާ ބެހޭ މާހިރުން ވަނީ ވިދާޅުވެފައެވެ.
ޣައްޒާ އަށް ގަދަ ފިންޏާ އެކު ބޯކޮށް ވާރޭ ވެހެމުންދާއިރު، ގިނަ އާއިލާތައް ދިރިއުޅެނީ އެ އިން އެއްވެސް ކަމަކުން ރައްކާތެރި ނުވެވޭ ފަދަ ނިކަމެތި ފޭލިގެތަކުގައެވެ.
އެއީ 2023 ވަނަ އަހަރުން ފެށިގެން އިޒްރޭލުން ކުރިއަށް ގެންދާ ޖެނޮސައިޑްގައި ގިނަ އިމާރާތްތައް ބިމާހަމަކޮށްލާފައި ވާތީ އެވެ.
ޣައްޒާގެ ދައިރުލް ބަލާހު އިން އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އާ ވާހަކަ ދެއްކި ހަތަރު ކުދިންގެ މަންމައެެއް ކަމަށްވާ ޝައިމާ ވާދީ ބުނީ މިދިޔަ ދެ އަހަރު ވެސް އޭނާގެ އާއިލާ ދިރިއުޅުނީ ފޭލިގޭގައި ކަމަށާ ވާރޭ ވެހޭ ކޮންމެ ފަހަރަކު އެމީހުންގެ ބޮލަށް ފޭލިގެ ވެއްޓޭ ކަމަށެވެ.
މި މަހުގެ ތެރޭގައި ގަދަ ފިންޏާއި ވާރޭގެ ސަބަބުން ޣައްްޒާ އިން 15 މީހެއްގެ ފުރާނަ ގެއްލިފައިވާއިރު، އޭގެ ތެރޭގައި ފިނި ގަދަވެގެން މަރުވި ތުއްތު ތިން ކުދިން ވެސް ހިމެނެއެވެ.
ނަމަވެސް ޣައްޒާގެ ރައްޔިތުން ބޯހިޔާކޮށްލެވޭ ވަރުގެ ރަނގަޅު ފޭލިގެތައް ޣައްޒާއަށް ނުވެއްދެނީ އިސްރާއީލުގެ ހިސާރުގެ ސަބަބުންނެވެ.




