އަންނަ ރޯދަ މަހު 27 ވިލޭރޭ 30 ޙާފިޡުން ދަސްވެނިވާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝަހީމް ވިދާޅުވީ މި އަހަރުގެ މިހާތަނަށް 21 ކުއްޖަކު ޤުރުއާން ހިތުދަސްކޮށް ނިންމައި، އިމްތިހާން ހަދާފައިވާ ކަމަށެވެ. އަދި 7 ކުއްޖެއްގެ އިމްތިހާނު މިހާރު ކުރިއަށްދާ ކަމަށާއި، 1 ކުއްޖަކު އިމްތިހާނަށް ތައްޔާރުވެފައިވާ ކަމަށެވެ.
ހާފިޒުން ދަސްވެނިވުމަށް ޚާއްސަ ކޮށްގެން ބާއްވާ ޙަފްލާ ރޯދަ މަހުގެ 27 ވަނަ ދުވަހު ބޭއްވުމަށް މިއަހަރުގެ މާރޗު މަހު ސަރުކާރުން ވަނީ ނިންމަވާފައެވެ. އަންނަ ރޯދަ މަހު 27 ވިލޭރޭ 30 ހާފިޒުން ދަސްވެނިވާނެ ކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ. މިއީ، މިދިޔަ އަހަރާއި އަޅާބަލާއިރު އިތުރު އަދަދެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން 27 ވިލޭރޭ 42 ހާފިޒަކު ރައީސުލްޖުމުހޫރިއްޔާގެ މެޑަލް ހާޞިލްކުރާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ދިވެހިރާއްޖޭގައި ހާފިޒުން އުފެއްދުމަކީ، ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. ކީރިތި ޤުރުއާން ހިތުދަސްކުރަން ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުން ވަނީ، މިދިޔަ ޖޫން މަހުން ފެށިގެން ހާފިޒުންގެ އެލަވަންސްވެސް ބޮޑުކުރައްވާފައެވެ.



