ދަރިވަރަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޓީޗަރާ ދެކޮޅަށް ދައުލަތުން ފަސް ދައުވާއެއް އުފުލައިފިއެވެ.
މާލޭގައި ހިނގި މި ހާދިސާގައި އުމުރުން އެންމެ 13 އަހަރުގެ އަންހެން ދަރިވަރަކަށް ޖިންސީ ގޯނާކުރިކަމުގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ 46 އަހަރުގެ ދިވެހި ފިރިހެން ޓީޗަރެކެވެ.
މި މައްސަލައާ ގުޅިގެން، ދައުލަތުން އެ ޓީޗަރާ ދެކޮޅަށް ޖުމްލަ ފަސް ދައުވާއެއް އުފުލާފައިވެއެވެ.
އެއީ:
° އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާ
° އެނގި ހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ
° ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ދައުވާ
° ކުޑަ ކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ނިޔަތުގައި، އެ ކުއްޖާ ހުންނަ ގެއަށް ނުވަތަ އެ ކުއްޖާ އެ ވަގުތަކު ހުރި ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ
° ދިވެހިރާއްޖޭގައި އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ
މި ޓީޗަރުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެނަމަ، ދިގު މުއްދަތުގެ ޖަލު ހުކުމެއް އެ ޓީޗަރުގެ މައްޗަށް އަންނާނެ ކަމަށް ބެލެވެއެވެ.




