އެސްޓީއޯއިން ބޭސް އެތެރެކުރުން ގިނަ ކުރުމުން ބޭހުގެ ދަތިކަން ކުރިއަށްވުރެ ރަނގަޅުވެއްޖެ ކަމަށާއި ބޭސް އެތެރެ ކުރަން ސަރުކާރުން އަލަށް އުފެއްދި ކުންފުނީގެ މަސައްކަތާއެކު، އިތުރަށް ހާލަތު ރަނގަޅު ވާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ރޭގައި ވިދާޅުވެއްޖެއެވެ.
ރާއްޖެއިން ބައެއް ބޭސްތައް ނުލިބުމުގެ ޝަކުވާއަކީ އެތައް ފަހަރަކު ގިނަ ރައްޔިތުން ކޮށްފައިވާ ޝަކުވާއެކެވެ. އެކަމަށް ހައްލެއް ގެނެސްދޭނެ ކަމަށް މި ސަރުކާރުން ވެސް ބުނެ، އެކަމަށްޓަކައި މަސައްކަތްތަކެއް ވެސް އަންނަނީ ކުރަމުންނެވެ.
އެސްއެސްޓީވީން ދެއްކި ޕްރޮގްރާމެއްގައި ބައިވެރިވެ ވަޑައިގެން ހެލްތު މިނިސްޓަރ ނާޒިމް ރޭގައި ވިދާޅުވީ އާސަންދަ ނިޒާމު ރިފޯމުކުރުމުން ބޭހުގެ އަގުތަކަށް ބައެއް ބަދަލުތައް އައި ކަމަށެވެ. އަދި އެކަން ހައްލުކުރުމަށްޓަކައި، އެސްޓީއޯއިން ގެންނަ ބޭހުގެ އަދަދު އިތުރުކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެހެންކަމުން ކުރިއަށްވުރެ ބޮޑަށް މިހާރު ބޭހުގެ ދަތިކަމަށް ހައްލެއް ގެނެވިއްޖެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
”ކުރިން އެސްޓީއޯއިން ގެންނަ ބޭހުގެ ބްރޭންޑުތައް ނުވަތަ ޖެނެރިކް އެތައް ސަތޭކަ ވައްތަރަކަށް މިހާރު އިތުރުކުރެވި، އެސްޓީއޯގެ ސަޕްލައި އަޅުގަނޑުމެން ވަރަށް ބޮޑަށް އިތުރުކޮށްފިން. އޭގެ ސަބަބުން ކުރިން އޮތް ދަތި ހާލަށް ވުރެ ރަނގަޅު ހާލަތަކަށް މިހާރު އާދެވިއްޖެ ކަމަށް އަޅުގަނޑުމެނަށް ގަބޫލުކުރެވޭ،“ މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.
އިތުރަށް ވާހަކަދައްކަމުން ހެލްތު މިނިސްޓަރު ވިދާޅުވީ، ބޭހުގެ މައްސަލައަށް ހައްލު ގެނައުމަށް ޓްރީޓްމަންޓް ގައިޑްލައިންތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ގައިޑްލައިންތަކުގައި އެކި މަރުހަލާތަކުގައި ބޭސް ފަރުވާ ކުރުމުގައި ޑޮކްޓަރުން އަމަލުކުރަންވީ ގޮތް ބަޔާންކޮށްފައިވާނެ ކަމަށެވެ.


