ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޑޮލަރު ވިއްކަން ހުރި ބިދޭސީއަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝަށް ނިސްބަތްވާ އުމުރުން 20 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރިކަމުގެ ތުހުމަތުގައެވެ.
އޭނަގެ ބަންދު އަމުރުން އެނގޭގޮތުގައި އެ މީހާ ހުއްޓުވާފައިވަނީ އެއާޕޯޓް ޓާމިނަލް 2 ގެ ޑްރޮޕް އޭރިއާގައި ޑޮލަރު މާރުކުރަން އުޅެނިކޮށެވެ. އޭނާގެ އަތުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ ނެތް ކަމަށް ވެސް ކޯޓު އަމުރުގައިވެއެވެ.
އެ މީހާ މަސައްކަތް ކުރަނީ ކޮންތާކުކަމެއް އަދި އޭނާ ސްޕޮންސަރަކީ ކާކުކަން ބުނެ ނުދެވޭ ކަމަށް އަމުރުގައިވެއެވެ.
ކަލޫ ބާޒާރުގައި ޑޮލަރު ވިއްކުން އާންމުވެފައިވާއިރު، އެފަދަ ވިޔަފާރީގައި އެންމެ ގިނައިން އުޅެނީ ބިދޭސީންނެވެ. އަދި އެކަން ހުއްޓުވަން ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.



