ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ ބޭނުންކުރުމުގެ ތުހުމަތުގައި މާލެއިން ހަ މީހަކު ހައްޔަރުކޮށް، ޑީޕޯޓުކުރަން މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގު އެންފޯސްމަންޓް ގުޅިގެން މިދިޔަ އާދިއްތަ ދުވަހު ހިންގި އޮޕަރޭޝަނުގައި މާލެއިން ހަ ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ އޮޕަރޭޝަނުގައި މާލޭގެ މާފަންނުގައި ހުންނަ ކެފޭއަކާއި ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށާއި އެ ތަންތަން ބަލައިފާސްކުރުމުގެ ތެރެއިން ބަނގުރާ ކަމަށް ބެލެވޭ އެއްޗެހި ހުރި 500 އެމްއެލްގެ 21 ފުޅި ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ނޭޕާލްގެ ފަސް ފިރިހެނަކާއި އަންހެނެކެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 43 އަހަރުގެ ޗައުދަރީ ސްރެންދްރަ އާއި 28 އަހަރުގެ ސުގަންދަ ކުމާރު ޗައުދަރީ އާއި 24 އަހަރުގެ ޗައުދަރީ އަދި 27 އަހަރުގެ މަކަރް ބަހާދުރް ޓަމަންގެ އިތުރުން 37 އަހަރުގެ ބިޝްވަނާތް ޗައުދަރީ އާއި 27 އަހަރުގެ ރަމްރި މާޔާ ވައިބާ އެވެ.
އެ އެންމެން ވެސް ޑީޕޯޓުކުރަން އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެެ.




