ވަޒީފާއިން ރިޓަޔާކުރުމަށްފަހު، އަލުން ސަރުކާރުގެ ވަޒީފާއަކަށް ނުކުންނަ ނަމަ، ރިޓަޔަމަންޓް ޕެންޝަން ލިބުން ހުއްޓޭ ގޮތަށް ސިވިލް ސާވިސް ގަވައިދު މިއަދު އިސްލާހުކޮށްފިއެވެ.
އެ ގަވައިދުގައިވަނީ ވަޒީފާއިން މުސްކުޅިކޮށްފައިވާ މުވައްޒަފަކު އަލުން ދައުލަތުގެ މަގާމަކަށް ހޮވިއްޖެ ނަމަ ނުވަތަ ދައުލަތުގެ / ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ވަޒީފާއެއް ހަމަޖެހިއްޖެނަމަ އެ ވަޒީފާގައި ދެމި ހުންނަ މުއްދަތުގައި އެ ފަރާތަކަށް މުސްކުޅިކުރުމުގެ އިނާޔަތެއް ނުލިބޭނެ ކަމަށެވެ.
މިގޮތުން ކުރިން ލިބެމުންދިޔަ މުސްކުޅިކުރުމުގެ އިނާޔަތުގެ ފައިސާ މަހުންމަހަށް ދޫކުރަން ފެށޭނީ އެ ވަޒީފާއިން ވަކިވާ މަހާ ޖެހިގެން އަންނަ މަހުން ފެށިގެން ކަމަށް ވެސް އިސްލާހުކުރި ގަވައިދުގައިވެއެވެ.
މީގެ އިތުރުން ރިޓަޔާކޮށްފައިވާ ފަރާތެއް އަލުން ވަޒީފާއަށް ނުކުންނަ ނަމަ ވަޒީފާ އަދާކުރަން ފަށައިފައިވާކަން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް އަންގަންވާނެ ކަމަށް ވެސް ގަވައިދުގައިވެއެވެ. އަދި ނާންގައި އޮތުމުގެ ސަބަބުން އެފަދަ ވަޒީފާއެއްގައި ހުރި މުއްދަތުގައި އެ ފަރާތަކަށް މުސްކުޅިކުރުމުގެ އިނާޔަތް ދޫކުރެވިއްޖެ ނަމަ އެ ފައިސާ އަނބުރާ ދައްކަންވާނެ ކަމަށް ވެސް ގަވައިދުގައިވެއެވެ.



