ގޭންގު ކުށްތަކުގެ ގާނޫނުގެ ދަށުން ގޭންގު ކަނޑައަޅަން މައްސަލައެއް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ގޭންގު ކުށްތަކުގެ ގާނޫނުގެ ދަށުން ފުލުހުންގެ ހައްޔަރުގައި ދެ މީހަކު އެބަތިއްބެވެ.
މީގެއިތުރުން މި ގާނޫނުގެ ދަށުން މައްސަލައެއް ދައުވާ ކުރަން ފޮނުވައި، 6 ތަނެއް ބަލައިފާސްކޮށްފައިވެއެވެ. މީގެއިތުރުން 11 މީހަކު ހައްޔަރުކޮށް، 7 މައްސަލައެއް ހުށަހެޅި ތަހުގީގުކުރަމުންދާ ކަމުގައި ވެސް ބުނެފައިވެއެވެ.
ޖޮއިންޓް ކްރައިމް އިންވެސްޓްމަންޓުގެ އިސްވެރިޔާ އިސްހާގު އާދަމް އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ގޭންގު ކަނޑައެޅުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާ މައްސަލާގައި ކުރަންޖެހޭ ކަންކަން އެ އޮފީހާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.
”ގޭންގެއް ކަނޑައެޅުމަށްޓަކައި އެއް މައްސަލައެއް ވާނީ މިހާރު ޕީޖީއަށް ފޮނުވާފައި. އެ މަސައްކަތުގައި ޕީޖީ އޮފީހުން ލަފާދީފައިވާ ކަންކަން މިހާރު މިދަނީ ކުރަމުން. އަދި ގޭންގެއް ކަނޑައެޅުމަށް ޓަކައި ޝަރުތު ހަމަވާ ފަރާތްތައް މިހާރު މިދަނީ ބަލަމުން،“ އިސްހާގު ވިދާޅުވިއެވެ.
މީގެ އިތުރުން، ގޭންގު ކުށްތަކުގެ ގާނޫނަށް އަމަލުކުރަން ފެށިފަހުން، ހުށަހެޅޭ މައްސަލަތައް ”އިންތިހާ“އަށް މަދުވެފައިވާ ކަމަށް ވެސް އެ ބައްދަލުވުމުގައި އިސްހާގު ވިދާޅުވިއެވެ.



