އާ އަހަރު ފެށުން ފާހަގަކުރުމަށް މާދަމާ ރޭ ހަވާ އެރުވުމާއެކު ޑްރޯން ޝޯއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް ވިޒިޓް މޯލްޑިވްސްއިން މިއަދު ބުނެފި އެވެ.
”މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލް“ ނަމުގައި އާ އަހަރު ފެށުމަށް ތިން ދުވަހަށް ކުރިއަށް ގެންދަން ނިންމައި މިއަދު ހަވީރު ކުޑަކުދިންގެ ހަވީރަކާއެކު އެ ހަރަކާތްތައް ފަށާނެކަން އިއުލާނު ކުރީ އިއްޔެއެވެ.
ޔޫތު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އިބްރާހިމް ޝިއުރީ ވިދާޅުވީ މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް ޑްރޯން ޝޯ ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
ޑްރޯން ޝޯ ބޭއްވުމަށް ނިންމާފައި ވަނީ މާދަމާ ރޭ 9:00 ގަ އެވެ.
”މިދިޔަ އަހަރަށް ވުރެ ކުލަ ގަދަކޮށް މި އަހަރު ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ. މި އަހަރުގެ ޑްރޯން ޝޯގައި ފުރަތަމަ ފަހަރަށް ރާއްޖޭގައި ކުރެވޭ ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ފާހަގަ ކޮށްލަން ޕައިރޯ ޑްރޯން ޝޯ، އެއީ ޑްރޯންގައި ފަޔާ ވޯކްސް ހިމެނޭ ގޮތަށް ފެނިގެން ދާނީ،“ ޝިއުރީ ވިދާޅުވި އެވެ.
ހަވާ އެރުވުން ބާއްވަން ނިންމާފައި ވަނީ މާދަމާ ރޭ 12:00 ގައި ހުޅުމާލޭގަ އެވެ.
މީގެއިތުރުން ”މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލް“ އެ ފެސްޓިވަލް ބާއްވަން ނިންމީ އެކި ދާއިރާތަކުން ދިވެހިންނަށް ލިބުނު ކާމިޔާބީތައް ފާހަގަކުރުމަށް ކަމަށް ވެސް ޝިއުރީ ވިދާޅުވި އެވެ.



