ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ ސްޓޯރޭޖު ފެސިލިޓީ ނުވަތަ ގުދަންތަކެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުނެފިއެވެ.
ކުރިއަށް އޮތް ދެ އަހަރު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ އިނާޔަތްތަކެއް ދޭން ނިންމަވައި، މާދަމަ އިން ފެށިގެން އެކަންތައް ތަންފީޒު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރިން ވަނީ ވިދާޅުވެފައެވެ.
އެކަމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މި ޑިސެމްބަރު މަހުގެ 17 ގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ އެކު ރައީސް ބޭއްވެވި ބައްދަލުކުރެއްވުމުގައި ވިޔަފާރިވެރިން ފާހަގަކުރި މައްސަލަތަކުގެ ތެރޭ ހިމެނޭ ކަންތައްތަކުގެ ތެރެއިން މާލެ ސަރަަހައްދާއި ކުޅުދުއްފުށި އަދި އައްޑޫގައި އެފަދަ ވިޔަފާރިތަކަށް ހާއްސަކޮށްގެން ސްޓޯރޭޖު ފެސިލިޓީތައް ގާއިމުކޮށް އަގުހެޔޮކޮށް މުދާ ރައްކާ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިކަމުގެ ތަފްސީލު ކުރިއަށް އޮތް ދުވަސްތަކުގައި އާންމު ކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.
މީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީ އިން ބުނީ އެމްޕީއެލް އިން މުދާ ކްލިއަރ ކުރުން ހަލުވި ކުރުމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވާ އުޅަނދުތަކުގެ ކަންތައް މިހާރަށްވުރެ ހަރުދަނާ ކުރުމަށް ވެސް މަސައްކަތް ކުރާނެ ކަމަށާއި ދިވެހިންނާއި ވޯކްޕާމިޓް ހޯލްޑަރުން ބޭތިއްބުމަށް ހިންގާ ގެސްޓުހައުސްތައް ރެޖިސްޓްރީކޮށް، ކޯޓާ ލިބުމުގައި ދިމާވި ދަތިތައް މިހާރު ހައްލުކޮށްފައިވާ ކަމަށެވެ.




