ޖަރުމަނުގެ ހުޅަނގުގެ ސިޓީއެއް ކަމަށްވާ ގެލްސެންކާޝެންގައި ހުންނަ ’ސްޕާކީސް‘ ބޭންކް ފަޅާލައި، ގާތްގަނޑަކަށް 30 މިލިއަން ޔޫރޯ (35.2 މިލިއަން ޑޮލަރު) ވަގަށް ނަގައިފިއެވެ.
މި ވައްކަން ހިންގާފައި ވަނީ ހޯމަ ވިލޭރޭގެ ވަގުތެއްގައި ބޭންކުގެ މައި ތިޖޫރީ ހުރި ތަން ތޮރުފާލައިގެން އެތެރެއަށް ވަދެގެންނެވެ.
މި ހާދިސާގައި ވަގުން ވަނީ ބޭންކުގެ މައި ތިޖޫރީ ހަލާކުކޮށްލުމަށްފަހު، އެތަނުގައި ހުރި ގިނަ އަދަދެއްގެ ފައިސާ އާއި ރަންރިއްސާއި އަގުބޮޑު ގަހަނާތައް ވެސް ގެންގޮސްފައެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ކަސްޓަމަރުންގެ ތަކެތި ރައްކާކުރުމަށް ބޭނުންކުރާ 3،000 އަށް ވުރެ ގިނަ ކުދި ތިޖޫރީތައް ވެސް ވަނީ ހަލާކުކޮށްލާފައެވެ.
ޖަރުމަނުގެ ފުލުހުން މި ވައްކަން ސިފަކޮށްފައި ވަނީ ވަރަށް ދުރާލައި ރާވައިގެން ހިންގާފައިވާ، ފެންވަރުގެ އަމަލެއްގެ ގޮތުގަ އެވެ. ފުލުހުން ބުނި ގޮތުގައި މި ވައްކަމަކީ ހޮލީވުޑްގެ މަޝްހޫރު ފިލްމު ”އޯޝަންސް އިލެވެން“ ގައި ދައްކުވައިދޭ ފަދަ ރޭވުންތެރި ވައްކަމެކެވެ. މި ވައްކަން އެނގުނީ ހޯމަ ދުވަހުގެ ހެނދުނު ބޭންކުގެ ފަޔާ އެލާމް އެޅުމުން ފުލުހުން އެތަނަށް ގޮސް ބެލި ބެލުމުންނެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ފުލުހުން ދަނީ މި ބޮޑު ވައްކަން ކުރި ބަޔަކު ހޯދުމަށް ހާއްސަ ތަހުގީގެއް ހިންގަމުންނެވެ.




