އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން(އޯ.އައި.ސީ)ގެ އެންމެ އިސްވެރިންގެ ސަމިޓްގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގގެ ފަރާތުން ޚާއްސަ މަންދޫބަކު ބައިވެރިވަޑައިގަންނަވާނެކަމަށް ޗައިނާ ސަރުކާރުން ހާމަކޮށްފި އެވެ.
ޗައިނާާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ލިން ޖިއާންއާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޯއައިސީ މެންބަރު ގައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ރައީސް ޝީ ޖިންޕިންގގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނީ، އެގައުމުގެ ނެޝަނަލް ޕީޕަލް ކޮންގްރެސްގެ ސްޓޭންޑިންގް ކޮމިޓީގެ ވައިސް ޗެއާމަން ޝެންގް ޖިއަންބަންގް އެވެ.
ޝީ ޖިންޕިންގގެ ޚާއްސަ މަންދޫބަކު މި ސަމިޓްގައި ބައިވެރިވަޑައިގަންނަވަނީ ސަމިޓް ބާއްވާ ގައުމުކަމަށްވާ ގެމްބިއާގެ ރައީސް އަޑާމާ ބަރޯވގެ ޚާއްސަ ދައުވަތަކަށެވެ.
އޯައައިސީގެ މެންބަރު ގައުމުތަކުގެ އިސްވެރިންގެ 15 ވަނަ ސަމިޓް އޮންނާނީ މިމަހުގެ 4 އިން 5 އަށް، ގެމްބިއާގެ ބަންޖޫލްގަ އެވެ.




