އަންނަ މަހުން ފެށިގެން އިންޑިއާގައި ވިއްކާ ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ރޭ ދަންވަރު އިންޑިއާގެ ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަންނަ ފެބްރުއަރީ 1 ވަނަ ދުވަހުން ފެށިގެން އިންޑިއާ އިން ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ސިނގިރޭޓުގެ ދިގުމިނަށާއި ބާވަތަށް ބަލައި، ކޮންމެ 1،000 ސިނގިރޭޓަކަށް 2،050 – 8،500 ރޫޕީސް އާ ދެމެދުގެ އަދަދަކަށް ނަގަން ނިންމާފައި ވާއިރު ދުންފަތުގެ ބާވަތްތަކުން ކުރިން ނަގަމުން އައި ޖީއެސްޓީ އުވާލައި، ޖީއެސްޓީގެ ރޭޓްތަކަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ.
އިންޑިއާގެ ފިނޭންސް މިނިސްޓްރީން ބުނީ މި ބަދަލަކީދުނިޔޭގެ ސިއްހީ ޖަމްއިއްޔާތަކުން ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް، ދުންފަތުގެ ބޭނުންކުރުން މަދުކުރުމަށާއި ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް އެޅި ފިޔަވަޅެއް ކަމަށެވެ.
މި ނިންމުމުގެ ސަބަބުން އިންޑިއާގައި ދުންފަތުގެ އިސްތިއުމާލު ކުރާ 100 ވަރަކަށް މިލިއަން މީހުންނަށް ސިނގިރޭޓުގެ އަގު އުފުލިގެންދާނެއެވެ.




