ފަލަސްތީނުގެ ނަސްލު ނައްތާލުމަށް އަމާޒުކޮށް އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި ފަލަސްތީނުގެ ރައްޔިތުންނަށް އެހީދެމުން އަންނަ ގިނަ ޖަމާއަތްތަކެއްގެ މަސައްކަތް ހުއްޓުވަން އިސްރާއީލުން ނިންމައިފި އެވެ.
ޣައްޒާގައި އެހީ ދިނުން މަނާކުރި ލިސްޓުގައި އިސްރާއީލުން ވަނީ ބައިނަލްއަގްވާމީ ބޮޑެތި ޖަމާއަތްތަކެއް ހިމަނާފައެވެ.
އިސްރާއީލުން ބުނީ އެ ޖަމާއަތްތަކުގެ މަސައްކަތްތައް ހުއްޓުވާފައި ވަނީ އެ ޖަމާއަތްތަކުގެ މުވައްޒަފުންގެ މައުލޫމާތާއި ފައިސާ ލިބޭ ގޮތުގެ މައުލޫމާތު ނުދޭތީ ކަމަށެވެ.
އަދި މައުލޫމާތު ދިނުމަށް 10 މަސް ދުވަހުގެ މުއްދަތެއް ދިން ނަމަވެސް އެ މައުލޫމާތު ފުރިހަމަ ކޮށްފައިނުވާ ކަމަށް ވެސް އިސްރާއީލުން ބުނެފައިވެ އެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ބައެއް ޖަމާއަތްތަކުން ވަނީ މުވައްޒަފުންގެ މައުލޫމާތާއި ފައިސާ ލިބޭ ގޮތުގެ މައުލޫމާތު ހިއްސާނުކުރާ ކަމަށް ބުނެ އިސްރާއީލުން ބުނަމުން އަންނަ ވާހަކަތައް ދޮގުކޮށްފައެވެ.
އިސްރާއީލުން ވަނީ ޣައްޒާއަށް އެހީ އެތެރެކުރާ 37 ޖަމާއަތަކަށް ހުއްދަ ނުދީ ހިފަހައްޓަން ނިންމާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޣައްޒާއަށް ވަނުން މަނާކޮށްފައިވާ އިންސާނީ އެހީދޭ ޖަމާއަތްތަކުން ފޯރުކޮށްދެމުން އަންނަ އެހީގެތެރޭގައި ސިއްހީ ހިދުމަތާއި، ކާބޯތަކެތި ބެހުމާއި، ބޯހިޔާވަހިކަމާއި، ފެނާއި ނަރުދަމާއާއި، ތައުލީމާއި، ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.



