ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ލިބުނު ބޮޑު ކުރިއެރުމަކާއެކު، ރާއްޖޭގައި ހިންގާ ހުރިހާ އެއާޕޯޓަކަށް ރޭގަނޑު ވަގުތުތަކުގައި ފްލައިޓް ޖެއްސުމަށް ބޭނުންވާ ވަސީލަތްތައް މިހާރު ގާއިމުކޮށް ނިންމާފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިއަދު ބުނީ މި މަޝްރޫއު އެންމެ ފަހުން ފުރިހަމަ ކުރެވުނީ ފުނަދޫ އެއާޕޯޓުގައި ކަމަށާއި މިއާއެކު ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރި އެއާޕޯޓަކަށް ވެސް އިރުއޮއްސުމަށްފަހު ފްލައިޓްތައް އޮޕަރޭޓްކުރުމުގެ ފުރުސަތު މިހާރު ހުޅުވިފައިވާ ކަމަށެވެ.
މި ބަދަލުގެ ސަބަބުން ރަށްތަކުގެ މެދުގައި އޮންނަ ދަތުރުފަތުރުގެ ގުޅުން އިތުރަށް ބަދަހިވެ، ފަސިންޖަރުންނަށް އަމާން އަދި ލުއިފަސޭހަ ދަތުރުތަކެއް ކުރުމުގެ މަގު ފަހިވާނެ ކަމަށާއި ވަކިން ހާއްސަކޮށް، ކުއްލި ސިއްހީ ފަރުވާ ބޭނުންވާ ހާލަތްތަކުގައާއި، މޫސުން ގޯސްވުމުގެ ސަބަބުން ދިމާވާ ދަތިތަކަށް މިއީ ބޮޑު ހައްލަކަށް ވާނެ ކަމަށެވެ.
:ރޭގަނޑު ވަގުތުތަކުގައި ވެސް ދަތުރުކުރެވޭ ގޮތްވުމުން، އެތެރޭގެ އުދުހުންތަކަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވެ، މެދުނުކެނޑި ދަތުރުފަތުރުގެ ހިދުމަތް ލިބުމަށް މަގުފަހިވާނެ“ މިނިސްޓްރީން ބުނެފައި ވެއެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވި ގޮތުގައި، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިރުޝާދުގެ ދަށުން ކުރިއަށްގެންދިޔަ ގައުމީ މުހިންމު މަސައްކަތެއް ކަމަށެވެ
މި މަސައްކަތުގެ މައިގަނޑު އަމާޒަކީ ވައިގެ ދަތުރުތަކުގެ ރައްކާތެރިކަން ކަށަވަރުކޮށް، ހުރިހާ އަތޮޅަކަށް ފަސޭހައިން ވާސިލުވެވޭނެ ގޮތް ހެދުމެވެ. މިކަމުގެ ސަބަބުން އެއާލައިންތަކުގެ ހިންގުން ހަރުދަނާވެ، އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ގައުމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.
މި ތަރައްގީގެ ސަބަބުން އާންމު ރައްޔިތުންނަށް، ހާއްސަކޮށް ބަލިމީހުން އުފުލުމުގައި ބޮޑު ލުޔެއް ލިބި، ފްލައިޓް ޝެޑިއުލްތަކަށް އޮންނަ އިތުބާރު އިތުރުވާނެއެވެ.
މީގެ އިތުރުން މިއީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީވަމުންދާ ކަމުގެ ހެއްކެކެވެ.



