އަފްޣާނިސްތާނަށް ބޯކޮށް ވާރޭވެހި، ސްނޯ ފޭބުމުގެ ސަބަބުން، އެކި ސަރަޙައްދުތަކުގައި ފެންބޮޑުވެ ހިނގި އެކި ޙާދިސާތަކުގައި މިހާތަނަށް 17 މީހުން މަރުވެ، 11 މީހަކު ޒަޚަމްވެފައިވާ ކަމަށް އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.
އަފްޣާނިސްތާންގެ ހޭރަތު ޕްރޮވިންސްގެ އަވަށެއް ކަމަށްވާ ކަބްކާންގައި ބޯކޮށްވާރޭވެހި، ގެއެއްގެ ފުރާޅު ވެއްޓި، އެ ގޭގައި ދިރިއުޅެމުންދިޔަ އާއިލާގެ ފަސް މީހުން މަރުވެފައިވާކަމަށް އެ ސަރަޙައްދުގެ ގަވަރުނަރުގެ ތަރުޖަމާނު މުޙައްމަދު ޔޫޞުފް ސަޢީދީ ވިދާޅުވިއެވެ. އޭގެ ތެރޭގައި ދެ ކުޑަކުދިންވެސް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.
އަފްޣާނިސްތާންގެ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ތަރުޖަމާނު މުޙާއްމަދު ޔޫޞުފް ޙައްމާދު ވިދާޅުވީ، މިދިޔަ ހޯމަ ދުވަހުން ފެށިގެން ކުރިމަތިވި މި މޫސުމީ ކާރިޘާގެ ސަބަބުން ޤައުމުގެ މެދުތެރެއާއި، އުތުރާއި، ދެކުނު އަދި ހުޅަނގުގެ ސަރަޙައްދުތަކުގެ ޢާންމު ދިރިއުޅުމަށް ބޮޑެތި ބުރޫތަކެއް އަރާފައިވާ ކަމަށެވެ.
ފެންބޮޑުވުމުގެ ސަބަބުން އުމްރާނީ ވަޞީލަތްތަކަށް ގެއްލުންވެ، ގިނަ އަދަދެއްގެ ދިރޭތަކެތި މަރުވެ، ޖުމްލަ 1,800 އާއިލާއަކަށް އޭގެ ނޭދެވޭ އަސަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޙައްމާދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެންޑީއެމްއޭގެ ޓީމުތައް މިހާރު ވަނީ އެންމެ ބޮޑަށް އަސަރުކޮށްފައިވާ ސަރަޙައްދުތަކަށް ފޮނުވާފައެވެ. މި ޓީމުތަކުން ދަނީ ޙާލުގައި ޖެހިފައިވާ މީހުންގެ އިތުރު ބޭނުންތައް ދެނެގަނެ، އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.
ގިނަ އަހަރުތަކެއްގެ ހަމަނުޖެހުންތަކާއި، އުމްރާނީ ވަޞީލަތްތައް މަދުވުމުގެ ސަބަބުން އަފްޣާނިސްތާނަކީ މިފަދަ ކާރިޘާތަކުގައި ނާޒުކު ޙާލަތެއްގައި އޮތް ޤައުމެކެވެ.
އދ. އާއި ބައިނަލްއަޤުވާމީ އެހީދޭ އިދާރާތަކުން އިންޒާރު ދޭ ގޮތުގައި، އަފްޣާނިސްތާނަކީ 2026 ވަނަ އަހަރާ ހަމައަށް ވެސް ދުނިޔޭގެ އެންމެ ބޮޑު އިންސާނީ ކާރިޘާ ކުރިމަތިވެފައިވާ ޤައުމުގެ ގޮތުގައި އޮންނާނެ ކަމަށް ބެލެވެއެވެ.
މިގޮތުން، ޙާލުގައި ޖެހިފައިވާ 18 މިލިއަން މީހުންނަށް އެހީތެރިވުމަށްޓަކައި 1.7 ބިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް އދ. އިން ވަނީ ބައިނަލްއަޤުވާމީ މުޖުތަމަޢުގެ އެހީތެރިކަމަށް އެދިފައެވެ.


