ޔޫކްރެއިނުން ބޭނުންވަނީ ރަޝިޔާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެންނަން ކަމަށާއި، ނަމަވެސް ހުރިހާ ކަމަކަށް ދޫދީގެން ހަނގުރާމަ ދިގުދެމިގެންދާ ގޮތަށް ”ބަލިކަށި“ ސުލްޙައިގެ އެއްބަސްވުމެއްގައި ސޮއިނުކުރާނެ ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.
އައު އަހަރާ ދިމާކޮށް ޤައުމާ މުޚާތަބް ކުރައްވާ ދެއްވި ތަޤުރީރުގައި ޒެލެންސްކީ ވިދާޅުވީ، ގާތްގަނޑަކަށް ހަތަރު އަހަރުގެ ހަނގުރާމައިގެ ސަބަބުން ޔޫކްރެއިންގެ ރައްޔިތުން ވަރުބަލިވެފައިވާ ކަމަށެވެ. އެހެންނަމަވެސް، ޤައުމުގެ މަސްލަހަތު ހިމެނޭ ހުރިހާ ކަމަކަށް ދޫދޭން ތައްޔާރު ނޫން ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.
ޒެލެންސްކީ ވިދާޅުވި ގޮތުގައި، ޔޫކްރެއިނުން ސޮއިކުރާނީ ހަރުދަނާ އަދި މި ހަނގުރާމައަށް ދާއިމީ ނިމުމެއް ގެނުވޭފަދަ އެއްބަސްވުމެއްގައެވެ. އަދި މިކަން ކޮންމެ ބައްދަލުވުމެއްގައި އަދި މަޝްވަރާއެއްގައި ވެސް ވަރަށް ސާފުކޮށް ބަޔާންކޮށްދެވިފައިވާނެ ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.
އެމެރިކާ އިސްވެ އޮވެ ކުރިއަށް ގެންދިޔަ ދިގު މަޝްވަރާތަކަށް އިޝާރާތް ކުރައްވަމުން ޒެލެންސްކީ ވިދާޅުވީ، މިދިޔަ ހަފްތާ ބަންދުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު ފްލޮރިޑާގައި ކުރެއްވި މަޝްވަރާތަކުން ސުލްޙައިގެ އެއްބަސްވުމެއް ގާތްގަނޑަކަށް ތައްޔާރުވެފައިވާ ކަމަށެވެ.
”ސުލްޙާއިގެ އެއްބަސްވުމެއް އޮތީ 90 އިންސައްތަ ތައްޔާރަށް، 10 އިންސައްތަ ބާކީ އޮތީ،“ ޒެލެންސްކީ ވިދާޅުވިއެވެ.
ޒެލެންސްކީ ފާހަގަކުރެއްވި ގޮތުގައި ބާކީ އޮތް 10 އިންސައްތައިގެ ތެރޭގައި ހިމެނެނީ ޔޫކްރެއިންގެ ދޮންބާސް ސަރަޙައްދާ މެދު އުފެދިފައިވާ ޚިލާފުތަކެވެ.
ޔޫކްރެއިނުން މިހާރު ހުށަހަޅާފައިވާ އޮނިގަނޑުގައިވާ ގޮތުން، ހަނގުރާމަ ނިމުމަކަށް އަންނަ ދުވަހުން ފެށިގެން، މިހާރު ދެ ޤައުމުގެ އަސްކަރިއްޔާ ތިބި ސަރަޙައްދުތަކުގައި ދެމިތިބޭނެއެވެ.
ނަމަވެސް، މުޅި ދޮންބާސް ސަރަޙައްދުން ޔޫކްރެއިން ސިފައިން ފޭބުމަކީ އެމެރިކާއިންނާއި ރަޝިޔާއިން ވެސް ބޭނުންވާ ގޮތް ކަމަށް ރިޕޯޓްތައް ބުނެއެވެ.




