ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުންދޭ މަސްދަޅު ބެހުމުގެ ތައްޔާރީތައް މި މަހު15 ހިސާބުގައި ޢާންމު ކުރާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އާދަމް ޝަރީފް މިހެން ވިދާޅުވީ، ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
އެކަން ހާމަކުރައްވާ ވާހަކަދައްކަވަމުން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، މިދިޔަ އަހަރު ރޯދަ ހަދިޔާ ބެހުމުގެ ކަންކަން އެ މިނިސްޓްރީގެ ޒިންމާގެ ދަށަށް އައީ އެންމެ އެކަށީގެންވާ ގޮތައް އެކަން ތަރުތީބު ނުކުރެވި އޮތް ހާލަތެއް މެދުވެރިވި ވަގުތެއްގައި ކަމަށާއި
ނަމަވެސް އެ މިނިސްޓްރީގެ ދަށަށް ޒިންމާ އައުމާއިއެކު 2 ދުވަހެއްގެ ތެރޭގައި ދިމާވި ދަތިތަކުން އަރައިގަނެވި މަސައްކަތް ރަނގަޅު އިންތިޒާމެއްގެ ދަށުން ކުރިއަށް ދިޔަ ކަމަށެވެ.
އެގޮތުން މިދިޔަ އަހަރުގެ ތަޖުރިބާއަށް ބެލުމަށްފަހު މި އަހަރު ރޯދަ ހަދިޔާ ބެހުމުގެ ކަންކަން ވަރަށް ދުރާލާ އިންތިޒާމް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”އެކަމުގެ ތަޖުރިބާގެ އަލީގައި މިހާރު އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭގޮތުން ޚާއްޞަކޮށް މިފްކޯއިން އެކަމަށް ބޭނުންވާ ގާތްގަނޑަކަށް %75 ވަރަކަށް މަސްދަޅު މިހާރުވެސް އެހުރީ ތައްޔާރު ކުރެވިފައި.“ މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރު ވިދާޅުވީ ކަމާގުޅުން ހުރި އިދާރާތަކާއި، ކުންފުނިތަކާއިއެކު ވަރަށް ގާތުން މި މަސައްކަތް ކުރަމުން އަންނަ ކަމަށާއި މި މަހުގެ 15 އާއި ހަމައަށް އަންނައިރު އެ މަސައްކަތް އާންމުންނާއި ހަމައަށް ތިލަކޮށް އެކަމުގެ ތައްޔާރީތައް އާންމުންނާއި ހިއްސާކުރާނެ ކަމަށެވެ.




