ވެނެޒުއެލާގެ ރައީސްކަމުގެ މަސްޢޫލިއްޔަތުތަކާ ވަގުތީގޮތުން ޙަވާލުވެވަޑައިގެންނެވުމަށް، އެ ޤައުމުގެ ނައިބު ރައީސް ޑެލްސީ ރޮޑްރީގޭޒް އަށް ސުޕްރީމް ކޯޓުން އަންގައިފިއެވެ.
ޖެނުއަރީ 2ވަނަ ދުވަހު ވެނެޒުއޭލާ ގަޑިން މެންދަމުގެ ވަގުތެއްގައި އެމެރިކާގެ ގިނަ ޢަދަދެއްގެ ހެލިކޮޕްޓަރުތައް އެ ޤައުމުގެ ވައިގެ ސަރަޙައްދަށް ވަދެ ވަނީ ވަރުގަދަ ޙަމަލާތަކެއް ދީފައެވެ.
މި ޙަމަލާތަކަށްފަހު، ރައީސް ނިކޮލަސް މަދޫރޯ އާއި އަނބިކަނބަލުން ހައްޔަރުކޮށްގެން ވަނީ އެމެރިކާގެ ނިއު ޔޯކަށް ގެންގޮސް، ބަންދުކޮށްފައެވެ. މަދޫރޯ އާއި އަނބިކަނބަލުން މި ވަގުތު ހުންނެވީ ނިއު ޔޯކުގައި ހުންނަ ޑިޓެންޝަން ސެންޓަރެއްގައެވެ.
ވެނެޒުއެލާގެ ސުޕްރީމް ކޯޓުން މިއަދު ނެރުނު ޢަމުރުގައި ބުނީ، ވެނެޒުއެލާގެ ދަޢުލަތް ހިންގުމާއި މިނިކަންކަމާއި އިސްތިޤުލާލު ދިފާޢުކުރުމަށްޓަކައި، ދަޢުލަތުގެ އެންމެ މަތީވެރިޔާގެ މަޤާމު ހުސްކޮށް ނުބޭއްވޭނެ ކަމަށެވެ. އެހެންވެ، އެ މަސްޢޫލިއްޔަތުތަކާ ނައިބު ރައީސް ވަގުތީގޮތުން ޙަވާލުވުމަށް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓްގެ އޮފިޝަލަކު ރޮއިޓަރސް ނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި ނިރުބަވެރި ޙަމަލާތައް ރޭވުން ފަދަ އެތައް ދަޢުވާއެއް މަދޫރޯގެ މައްޗަށް އުފުލުމަށް ދަނީ ތައްޔާރުވަމުންނެވެ. އަދި މިއަދުގެ ވަގުތެއްގައި މެންހަޓަންގެ ފެޑަރަލް ކޯޓަށް މަދޫރޯ ހާޒިރުކުރާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، ވެނެޒުއެލާގައި ވެރިކަމުގެ އިންތިޤާލީ އިންތިޒާމެއް ހަމަޖައްސައިދެވެންދެން އެ ޤައުމު ހިންގާނީ އެމެރިކާއިން ކަމަށެވެ. ޓްރަމްޕް އިތުރަށް ވިދާޅުވީ، މަދޫރޯގެ ދިގު ވެރިކަމުގައި ވެނެޒުއެލާގެ ތެލުގެ ވިޔަފާރީގެ އުމްރާނީ ވަޞީލަތްތައް ހީނަރުވެފައިވާތީ، އެ ވަޞީލަތްތައް އަލުން ބިނާކޮށް، ތެލުގެ ވިޔަފާރިއާ އެމެރިކާގެ ތެޔޮ ކުންފުނިތަކުން ޙަވާލުވުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
އިންތިޤާލީ މަރުޙަލާގައި ވެނެޒުއެލާގައި ވެރިކަން ކުރައްވާނެ ވަކި ބޭފުޅެއްގެ ނަން ޓްރަމްޕް ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް، ވެނެޒުއެލާގެ އިދިކޮޅު ލީޑަރު އަދި ނޮބެލް ސުލްޙައިގެ އިނާމު ލިބިފައިވާ މާރިއާ ކޮރީނާ މަޗާޑޯއަށް، ވެނެޒުއެލާގެ ރައްޔިތުންގެ ތާޢީދުނެތް ކަމަށް ޓްރަމްޕް ވަނީ ސާފުކޮށް ވިދާޅުވެފައެވެ.




