ގެދޮރު ގަތުމަށާއި ގެދޮރު އިމާރާތްކޮށް މަރާމާތުކުރުމަށް ޑައުންޕޭމަންޓް ފައިސާދެއްކުމަށް ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތް ހަދަން ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހަޅައިފިއެވެ.
އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރެވެ.
މި ބިލުގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު ބިލަށް ބަހުސްކުރުން ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި ކުރިއަށް ގެންދިޔުމަށް ވަނީ އެޖެންޑާ ކޮށްފައެވެ.
އަލަށް ގެންނަން ހުށަހަޅާފައިވާ އިސްލާހްގައިވާގޮތުން ގެދޮރު ގަތުމަށްޓަކައި ނުވަތަ ގެދޮރު އިމާރާތް ކުރުމަށްޓަކައި ނުވަތަ ގެދޮރު މަރާމާތުކުރުމަށްޓަކައި ބޭނުންވާ ޑައުންޕޭމަންޓް ފައިސާ، އެ މީހެއްގެ ނަމުގައި ޕެންޝަން ފަންޑުގައި ހުންނަ ފައިސާއިން، އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައިވާ ގޮތުގެމަތިން ބޭނުން ކުރެވޭނެއެވެ.
މީގެ އިތުރުން އަސާސީ ޕެންޝަން ލިބެމުންދާ މީހަކަށް، ޤާނޫނޫއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ މަގާމަކަށް އިންތިޚާބު ކުރެވިއްޖެނަމަ ނުވަތަ ދައުލަތުގެ ނުވަތަ ސަރުކާރުގެ ކުންފުންޏެއްގެ ވަޒީފާ އަށް އައްޔަނުކުރެވިއްޖެނަމަ އަސާސީ ޕެންޝަން ޙައްޤު ނުވާނެކަމަށްވެސް އެ އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.




