ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވެއްޖެ އެވެ.
ވަޒީރު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާއި ގުޅިގެން ދެއްވި ޚިޠާބުގައެވެ.
އެމަނިކުފާނުގެ ޚިޠާބުގައި، ދައުލަތުގެ އެއްވެސް މުއައްސަސާއަކުން، ނޫސްވެރިކަމުގެ މިނިވަންކަމަށް އެއްވެސް މިންވަރަކަށް ހުރަސް އެޅުމަކީ، ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށް ވިދާޅުވެ، ޙައްޤު ކަށަވަރު ކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާފައިވާކަން ތަކުރާރުކުރެއްވި އެވެ.
މިނިސްޓަރުގެ ޚިޠާބުގައި، ނޫސްވެރިންނަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އަދާހަމަކުރެވި އެވެ. އެގޮތުން، ސަރުކާރުން ވައުދުވެފައިވާ މީޑިއާ ވިލެޖްގެ މަސައްކަތް ވަޒީރުންގެ މަޖިލީހުން ނިންމާ، އަމަލީ މަސައްކަތް ފެށުމާއި،މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއި މޯލްޑިވްސް މީޑިއާކައުންސިލަކީ އެއް ޤާނޫނަކުން ފުރިހަމަ ކުރެވިފައިވާ މުއައްސަސާ އަކަށް ހެދުމުގެ މަސައްކަތް ކުރިއަށް ދާކަން ފާހަނގަ ކުރެއްވި އެވެ.
ވަޒީރު ވިދާޅުވީ، ނޫސްމަޖައްލާފަދަ ވަސީލަތްތައް ރަޖިސްޓްރީކުރުމަށް މިހާރު ވަރަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސާފައިވާކަމަށެވެ. އެހެންނަމަވެސް އެކަމުގެ ތަފުސީލެއް ނުދެއްވަ އެވެ. ވިދާޅުވީ، އެބަދަލާއެކު ނޫސްމަޖައްލާ ރަޖިސްޓްރީކުރުން ގިނަވެފައިވާކަމަށެވެ. އެގޮތުން މިހާތަނަށް ރާއްޖޭގައި 265 ނޫސް މަޖައްލާ ރަޖިސްޓްރީކޮށްފައިވާއިރު، މި ވެރިކަމުގައި އެކަނިވެސް 17 ނޫސް މަޖައްލާ ރަޖިސްޓްރީކޮށްދެއްވާފައިވާކަމަށެވެ.
ވަޒީރު ވިދާޅުވީ، ފާޅުގައި އަދި ފޮރުވިގެންތިބެ ނޫސްވެރިންނާއި ނޫސް އިދާރާތަކަށް ދޭ އިންޒާރުތައް މި ސަރުކާރުން ސީރިއަސްކޮށް ނަގާނެ ކަމަށެވެ. އަދި، މި ސަރުކާރު ވެގެންދާނީ ނޫސްވެރިންނަށް އަމާން ރައްކާތެރި ދުވަސްތަކަކަށްކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.




