ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބޭއްވި ބީޗް ވޮލީބޯޅައިގެ ތިން މުބާރާތެއްގެ ޗެމްޕިއަންކަން، އެއްވެސް މެޗަކުން ބަލިނުވެ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ”ކްލަބް އެޗްޑީސީ“ ން ހޯދައިފިއެވެ.
މި ތިން މުބާރާތުގައި ކްލަބް އެޗްޑީސީ ތަމްސީލުކުރި އަހުމަދު މުހައްމަދު އަދި ޝަމާއިލް ހުސެއިންގެ ޕެއާއިން ވަނީ ޖުމުލަ 12 މެޗު ކުޅެ، ހުރިހާ މެޗަކުން ވެސް ކާމިޔާބީ ހޯދާފައެވެ.
މާލޭ ބީޗް ވޮލީބޯޅަ ކޯޓުގައި ނޮވެންބަރު 9 އިން 13 އަށް ކުރިއަށްދިޔަ ބީޗް ވޮލީ ޗެމްޕިއަންޝިޕްގައި ޖުމުލަ 18 ޓީމު ވާދަކުރިއިރު، އެޗްޑީސީން ވަނީ ތިން ޓީމެއް ނެރެފައެވެ. އެއީ ކްލަބް އެޗްޑީސީ 1 (އަހުމަދު މުހައްމަދު އަދި ޝަމާއިލް ހުސެއިން)، ކްލަބް އެޗްޑީސީ 2 (މާލިކް އަސަދު އަދި ބިލާލް އަސްއަދު) އަދި ކްލަބް އެޗްޑީސީ 3 (އަލީ ނިމާލް އަދި ހުމާމް ހަސަން) އެވެ. މި މުބާރާތުގެ ތަށި ކްލަބް އެޗްޑީސީ 1 އިން އުފުލައިލީ ކުޅުނު ފަސް މެޗުން ވެސް މޮޅުވެގެންނެވެ.

އޭގެ ފަހުން، ނޮވެންބަރު 15 އިން 17 އަށް ކުރިއަށްދިޔަ ނޭޝަނަލް ބީޗް ވޮލީބޯޅަ ލީގުގައި ވާދަކުރީ ބީޗް ވޮލީ ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ހަ ޓީމެވެ. މި މުބާރާތުގައި އެޗްޑީސީ ތަމްސީލުކުރި އަހުމަދު މުހައްމަދު އަދި ޝަމާއިލް ހުސެއިންގެ ޕެއާއިން ވަނީ ކުޅުނު ފަސް މެޗު ވެސް ކާމިޔާބުކޮށް، މި ލީގުގެ ޗެމްޕިއަންކަން ހޯދާފައެވެ.
މީގެ އިތުރުން، ނޮވެންބަރު 18 ވަނަ ދުވަހު ނޭޝަނަލް ބީޗް ވޮލީބޯޅަ ލީގުގެ ގަދަ ހަތަރު ޓީމުގެ މެދުގައި ބޭއްވި ނޭޝަނަލް ބީޗް ވޮލީބޯޅަ ޗެމްޕިއަންޝިޕްގައި ވެސް ކްލަބް އެޗްޑީސީން ވަނީ ތަށި އުފުލައިލާފައެވެ. އަހުމަދު މުހައްމަދު އަދި ޝަމާއިލް ހުސެއިން ހިމެނޭ މި ޓީމުން މުބާރާތް ކާމިޔާބުކުރީ ކުޅުނު ދެ މެޗުން ވެސް މޮޅުވެގެންނެވެ.

އެޗްޑީސީން ހާމަކުރި ގޮތުގައި އެ ކޯޕަރޭޝަންގެ މައިގަނޑު އަމާޒަކީ މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް، ކުޅިވަރުގެ ދާއިރާއިން ކުރިއަށްދިއުމަށް މުވައްޒަފުންނަށް ހިތްވަރުދީ، އިތުރު ފުރުސަތުތައް ފަހިކޮށްދިނުމެވެ.



