ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ވެރިކަމުގައި ހިނގި ގަތުލުއާންމުތަކުގައި މަދުވެގެން 287 މީހުން މަރުވެފައިވާ ކަމަށް އެކަން ތަހުގީގު ކުރި ކޮމިޝަނުން ހާމަކޮށްފިއެވެ.
ތަހުގީގު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ބައެއް މީހުން މަރާލުމަށް ފަހު އެ މީހުންގެ ހަށިގަނޑުތައް ކޯރުތަކަށް އެއްލާފައިވާ ކަމަށް ބެލެވެއެވެ.
2024 ވަނަ އަހަރުގެ އޮގަސްޓް މަހު ހިނގި ވަރުގަދަ މުޒާހަރާތަކާ ގުޅިގެން ހަސީނާގެ ވެރިކަން ވައްޓާލުމަށް ފަހު އުފެއްދި ވަގުތީ ސަރުކާރުން އައްޔަންކުރި މި ކޮމިޝަނުން ވަނީ ރަހީނުކުރުމުގެ 1,569 މައްސަލައެއް ތަހުގީގުކޮށްފައެވެ. މީގެ ތެރެއިން 287 މީހުން މަރުވެފައިވާ ކަމަށް ކޮމިޝަނުން ބުނެއެވެ.
ކޮމިޝަންގެ މެމްބަރު ނޫރު ޚާން ލިޓަން އޭއެފްޕީއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، މަރާލި މީހުންގެ ހަށިގަނޑުތައް ވަޅުލާފައިވާ ކަމަށް ބެލެވޭ ބައެއް ތަންތަނުގައި ގިނަ އަދަދެއްގެ ގަބުރުތައް ހުރި ކަމަށެވެ. އަދި ހަށިގަނޑުތައް ދެނެގަތުމަށްޓަކައި އާއިލާގެ މެމްބަރުންގެ ޑީއެންއޭ ސާމްޕަލް ނަގައި ރައްކާތެރި ކުރުމަށް ފޮރެންސިކް ތަޖުރިބާކާރުންގެ އެއްބާރުލުން ހޯދުމަށް ބަންގްލަދޭޝް އިން ލަފާދީފައިވާ ކަމަށް ވެސް ނޫރު ޚާން ވިދާޅުވިއެވެ.
ސަރުކާރަށް ހުށަހެޅި ފަހު ރިޕޯޓުގައި ބުނެފައިވަނީ ސަލާމަތީ ބާރުތަކުން މި އަމަލުތައް ހިންގާފައި ވަނީ ސީދާ ހަސީނާ އާއި ހަސީނާގެ ސަރުކާރުގެ އިސް ބޭފުޅުންގެ ކޮމާންޑުގެ ދަށުން ކަމަށެވެ.
ވަގަށް ނެގި ގިނަ މީހުންނަކީ ހަސީނާގެ ސަރުކާރާ އިދިކޮޅު ޖަމާޢަތު އިސްލާމީ އަދި ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އަށް ނިސްބަތްވާ މީހުންނެވެ.




