ތުރުކީވިލާތުން އިޒްރޭލާއެކު ވިޔަފާރިކުރުން މެދުކަނޑާލައިފި އެވެ.
ބޭރުގެ މީޑިއާތަކުން ރިޕޯޓްކުރަމުންދާގޮތުގައި ތުރުކީވިލާތުން އިޒްރޭލާއެކު ވިޔަފާރި ކުރުން ވަގުތީގޮތުން މެދުކަނޑާލީ، ފަލަޞްޠީނުގެ ޣައްޒާގައި އިޒްރޭލު ސިފައިން ހިންގާ އުދުވާނުތައް ވަރުގަދަކުރުމާއި، ހާލުގައި ޖެހިފައި ތިބި ފަލަޞްޠީނުގެ ރައްޔިތުންނަށް އިންސާނީ އެހީފޯރުކޮށްދިނުމަށް އިޒްރޭލުގެ ފައުޖުތަކުން ހުރަސް އަޅަމުންދާތީ އެވެ.
މި ފިޔަވަޅުގެ ދަށުން މިވަގުތަށް އިޒްރޭލުގެ އެއްވެސް އުފެއްދުމެއް ތުރުކީއަށް އެތެރެނުކުރުމަށް ވަނީ ނިންމާފައެވެ. އަދި ތުރުކީ ސަރުކާރުން ވަނީ މިހާރު އިޒްރޭލުން ގަންނަ މުދަލުގެ ބާވަތްތައް އެހެން ގައުމުތަކުން އެތެރެކުރުމަށް ނިންމާފަ އެވެ.
ތުރުކީ ސަރުކާރުން ނިންމާފައިވަނީ އިޒްރޭލުން ފަލަޞްޠީނަށް އެހީގެ ތަކެތި އެކަށީގެންވާގޮތެއްގައި ވެއްދުމަށް މަގުފަހި ކުރުމުން ނޫނީ އިޒްރޭލުން ދެން މުދާ ނުގަންނާނެކަމަށް ބުނެފަ އެވެ.
މިދިޔަ އަހަރު އިޒްރޭލާއި ތުރުކީއާއި ދެމެދު ހަތް ބިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރީގެ މުއާމަލާތްތައް ކޮށްފައި ވެއެވެ.
ތުރުކީ ސަރުކާރުގެ މި ނިންމުމާއި ގުޅިގެން އިޒްރޭލުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އިޒްރޭލުގެ ފޮރިން މިނިސްޓަރު މިކަމާއ ގުޅޭގޮތުން ވބުނެފައިވަނީ ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އޮރްދުޣާންގެ އެ ނިންމެވުމަކީ ޚުދުމުޚުތާރު ނިންމުމެއްކަމުގައެވެ. އަދި އިޒްރޭލާއި ދެކޮޅަށް އެފަދަ ނިންމުމެއް ނިންމާފައި އެވަނީ ބައިނަަލް އަގުވާމީ އެއްބަސްވުންތަކާއި ޚިލާފަށް ކަމަށެވެ.




