ވެނެޒުއެލާގެ ރައީސަކީ އަދިވެސް އޭނާ ކަމަށާއި، އޭނާގެ މައްޗަށް އުފުލާފައިވާ ހުރިހާ ދައުވާތަކަށް އިންކާރު ކުރައްވާ ކަމަށް އެމެރިކާއިން ހައްޔަރުކޮށްފައިވާ އެގައުމުގެ ރައީސް ނިކޮލަސް މަޑޫރޯ ވިދާޅުވެއްޖެއެވެ.
މަޑޫރޯ މިހެން ވިދާޅުވީ އޭނާގެ މައްޗަށް އުފުލާފައިވާ ޖިނާއީ ދައުވާތަކާ ގުޅިގެން އިއްޔެ އެމެރިކާގެ ކޯޓަކަށް ހާޒިރުކުރުމުންނެވެ.
އެމެރިކާ އިން މިދިޔަ ހޮނިހިރު ދުވަހު ވެނެޒުއޭލާއަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށްފަހު، މަޑޫރޯ އާއި އޭނާގެ އަނބިކަނބަލުން ވަނީ ހައްޔަރުކޮށްގެން އެމެރިކާއަށް ގެންގޮސްފައެވެ.
އެމެރިކާގެ ޕްރޮސިކިއުޓަރުން ވަނީ މަޑޫރޯގެ މައްޗަށް މަސްތުވާތަކެތީގެ ވިޔަފާރިއާ ގުޅުންހުރި ޓެރަރިޒަމްގެ އަމަލުތައް ހިންގަން ރޭވުމާއި، ކޮކެއިން އެތެރެކުރުމަށް ރޭވުމުގެ ދައުވާ އުފުލާފައެވެ. މީގެ އިތުރުން، މެޝިން ބަޑި އާއި ބޮން ފަދަ ނުރައްކާތެރި އާލާތްތައް ގެންގުޅުމާއި، އެމެރިކާއާ ދެކޮޅަށް އެފަދަ ހަތިޔާރު ބޭނުންކުރަން ރޭވުމުގެ ދައުވާ ވެސް ވަނީ ހިމަނާފައެވެ.
ކޯޓުގައި ވާހަކަދައްކަވަމުން މަޑޫރޯ ވިދާޅުވީ އޭނާ އެއްވެސް ކުށެއް ނުކުރައްވާ ކަމަށާއި، އެމެރިކާއިން އޭނާ ހައްޔަރުކުރީ ނޫން ކަމަށާއި އެއީ ”ވަގަށް ނެގުން“ ކަމަށެވެ.
”އަހަންނަކީ ވަގަށް ނަގާފައިވާ ރައީސެއް. އަހަންނަކީ ހަނގުރާމައިގެ އަސީރެއް. އަދިވެސް ވެނެޒުއެލާގެ ގާނޫނީ ރައީސަކީ އަހަރެން.“ މަޑޫރޯ ކޯޓުގައި ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދާދިފަހުން ވިދާޅުވެފައިވަނީ ވެނެޒުއެލާ ދެން ހިންގާނީ އެމެރިކާއިން ކަމަށެވެ. ޓްރަމްޕް އިތުރަށް ވިދާޅުވީ ވެނެޒުއެލާގެ ކަންކަން ރަނގަޅަށް ހިނގާނެކަން އެމެރިކާއިން ކަށަވަރުކުރާނެ ކަމަށެވެ. ނަމަވެސް އެގައުމު ހިންގުމާ ގުޅޭ އިތުރު ތަފްސީލެއް ޓްރަމްޕް ހާމަކުރައްވާފައެއް ނުވެއެވެ.
އެމެރިކާއިން ވެނެޒުއެލާއަށް ދިން ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ އެގައުމުގެ އަސްކަރީ މަރުކަޒުތަކަށެވެ. މި ހަމަލާތަކާ ގުޅިގެން މުޅި ވެނެޒުއޭލާގައި މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.
މަޑޫރޯގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ކުރިއަށް އޮތް ދުވަސްތަކުގައި އެމެރިކާގެ ކޯޓުގައި ކުރިއަށްދާނެއެވެ.



