މިއަހަރު ހައްޖުގެ އަޅުކަން އަދާ ކުރުމަށް ސައުދީ އަރަބިއްޔާއަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ހުއްދަ ދޫކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ސައުދީ އަރަބިއްޔާގެ ”ދަ ޖެނެރަލް ޑިރެކްޓޮރޭޓް އޮފް ޕަބްލިކް ސެކިއުރިޓީ“ އިން ބުނެފައިވަނީ މިއަދުން ފެށިގެން ހައްޖުގ ގަވާއިދުތަކަށް އަމަލުކުރަން ފަށާފައިވާކަމަށެވެ. އަދި ހައްޖުގެ އަޅުކަން އަދާ ކުރުމަށް މައްކާއަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް ބޭނުންވާ ހުއްދަތައް ކަމާއި ބެހޭ ފަރާތްތަކުން ނެގުމަށް އެއިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެ އިދާރާއިން ބުނީ ހައްޖު ގަވާއިދުތައް ތަންފީޒްކުރަން ފެށުމުން ހުއްދަ ނެތި ހައްޖުގެ އަޅުކަންކުރާ އެއްވެސް ތަނަކަށް ނުވަދެވޭނެކަމަށާއި، ހުއްދަ ނެތި މައްކާއަށް ވަންނަ ފަރާތްތައް އަނބުރާ ފޮނުވާލާނެކަމަށެވެ.
މިއަދުން ފެށިގެން ސައުދީގެ ތަންފީޒީ އިދާރާތަކުންނާއި ސަލާމާތީ ބާރުތަކުން ދަނީ މައްކާއަށް ވަދެވެން އޮންނަ ބޯޑަރުތަކުގައި ފޯރިމަރަމުންނެވެ.
މި ފިޔަވަޅުތަކަކީ ހައްޖު މޫސުމުގައި ހައްޖުވެރިންނާއި ރައްޔިތުން އައުން އިންތިޒާމުކޮށް، ސަލާމަތާއި ހަމަޖެހުން ކަށަވަރުކުރުމަށް އަހަރަކު އެއްފަހަރު ކުރާ މަސައްކަތުގެ ބައެކެވެ.




