ޕާކިސްތާނުގައި ދިރިއުޅޭ އަދި މަސައްކަތްކުރާ ޗައިނާގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޚާއްސަ ޔުނިޓެއް ގާއިމްކުރަމުންދާ ކަމަށް ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓަރު މޮހްސިން ނަގްވީ އިއުލާން ކުރައްވައިފިއެވެ.
މިކަން އިއުލާން ކުރެއްވީ ޗައިނާގެ ބެއިޖިންގައި ހުންނަ މިނިސްޓްރީ އޮފް ޕަބްލިކް ސެކިއުރިޓީގައި އެ ގައުމުގެ މިނިސްޓަރު އޮފް ޕަބްލިކް ސެކިއުރިޓީ ވަންގް ޝިއާއޮހޮންގްއާ އެކު ބޭއްވި ރަސްމީ ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ދެ ގައުމުގެ ލީޑަރުން ވަނީ ސަލާމަތީ އެއްބާރުލުން ހަރުދަނާކުރުމާއި، ނިރުބަވެރިކަމާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރާނެ ’ޖޮއިންޓް ރެޕިޑް ރެސްޕޮންސް ސިސްޓަމެއް‘ އެކުލަވާލުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މީގެ އިތުރުން ފުލުހުންގެ ގާބިލުކަން އިތުރުކުރުމަށް ތަމްރީނު ޕްރޮގްރާމްތައް ފުޅާކުރުމަށް ވެސް ދެ ގައުމުން ވަނީ އެއްބަސްވެފައެވެ.
ޗައިނާގެ މިނިސްޓަރު ވަންގް ޝިއާއޮހޮންގް ވަނީ ނިރުބަވެރިކަމާ ދެކޮޅަށް ޕާކިސްތާނުން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފު ކުރައްވާފައެވެ.
ޝިއާއޮހޮންގް އިތުރަށް ވިދާޅުވީ ޕާކިސްތާނަކީ ޗައިނާގެ މުހިންމު ”ސްޓްރެޓެޖިކް ޕާޓްނާ“ އެއް ކަމަށެވެ.
މިނިސްޓަރު ނަގްވީ ވިދާޅުވީ ޕާކިސްތާނުގައި ހިންގާ ޗައިނާގެ މަޝްރޫއުތަކާއި އެ ގައުމުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އިސްލާމްއާބާދުގައި ޚާއްސަ ’ޕްރޮޓެކްޝަން ޔުނިޓެއް‘ އުފެއްދުން ހިމެނޭހެން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އަދި ސައިބާ ކްރައިމް ހުއްޓުވުމަށް ޗައިނާގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީގެ އެހީތެރިކަން ހޯދުމަށް ޕާކިސްތާނުން ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ.
ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން، ކޮންމެ ތިން މަހަކުން އެއްފަހަރު ޖޮއިންޓް ވޯކިން ގްރޫޕްގެ ބައްދަލުވުންތައް ބޭއްވުމަށާއި، އަހަރަކު އެއްފަހަރު މިނިސްޓަރު ފެންވަރުގެ ބައްދަލުވުންތައް ބޭއްވުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން، މި ސެޕްޓެމްބަރު މަހު ޗައިނާގައި ބާއްވާ ގްލޯބަލް ސެކިއުރިޓީ ކޯޕަރޭޝަން ފޯރަމްގައި ބައިވެރިވުމަށް ޕާކިސްތާނަށް ވަނީ ދައުވަތު އަރުވާފައެވެ.




