ސީރިޔާގެ ޙަލަބުގައި އެ ޤައުމުގެ ސަރުކާރުގެ ފައުޖުތަކާއި ކުރުދީ ހަނގުރާމަވެރިންނާ ދެމެދު ބަދަލުކުރަމުންދާ ޙަމަލާތައް ހުއްޓުމަކަށް ގެނައުމަށްޓަކައި ޙަލަބުގެ ތިން އަވަށެއްގައި ޙަމަލާ ބަދަލުކުރުން ހުއްޓާލާފައިވާ ކަމަށް ސީރިޔާ ދިފާޢީ ވުޒާރާއިން އިޢުލާނުކޮށްފިއެވެ.
ސަރުކާރުގެ ސިފައިންނާއި ކުރުދީ ހަނގުރާމަވެރިންނާ ދެމެދު ޖަނަވަރީ މަހުގެ 6 ވަނަ ދުވަހު ބަދަލުކުރަން ފެށި ޙަމަލާތަކުގެ ސަބަބުން ސީރިޔާގެ 140,000 އަށް ވުރެ ގިނަ ރައްޔިތުން ވަނީ ގެދޮރު ދޫކޮށް އެހެން ސަރަޙައްދުތަކަށް ހިޖުރަކޮށްފައެވެ.
މި ކުރިމަތިލުންތަކުގައި މިހާތަނަށް ޢާންމުންގެ ހަތް މީހަކު މަރުވެފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ރިޕޯޓުކޮށްފައިވެއެވެ.
ދެ ފަރާތުގެ ދެމެދުގައި ވަރުގަދަ ޙަމަލާތައް ބަދަލުކުރަމުންދާތާ ތިން ދުވަސްވެފައި ވަނިކޮށް، ސީރިޔާގެ ދިފާޢީ ވުޒާރާއިން ވަނީ ކުރުދީންގެ ހަތިޔާރުއެޅި ހަނގުރާމަވެރިން ކުރިމަތިލުންތައް ހިންގަމުންދިޔަ ތިން ސަރަޙައްދެއް ދޫކޮށް ދިޔުމަށް ހަ ގަޑިއިރުގެ މުހުލަތެއް ދީފައެވެ. އެއީ ޙަލަބުގެ ޝައިޚް މަޤްޞޫދު އާއި އަޝްރަފިއްޔާ އަދި ބަނީ ޒައިދުއަވަށެވެ.
މި ސަރަޙައްދުތަކުގައި ސީރިޔާ ގަޑިން ދަންވަރު ތިނަކުން ފެށިގެން ހެނދުނު ހަޔަކަށް އަސްކަރިއްޔާއިން ޙަމަލާ ނުދޭނެ ކަމަށް އެ ވުޒާރާއިން ކަށަވަރުކޮށްދީފައިވެއެވެ.
ސީރިޔާ މައި ސަރުކާރުގައި ބައިވެރިވުމަށް ދެކޮޅު ހަދަމުންދާ ކުރުދީންގެ ސަބަބުން، 14 އަހަރުވީ ދާޚިލީ ހަނގުރާމައަށް ފަހު ޤައުމު އަލުން އެއްގަލަކަށް އަރުވައި އެކަތިގަނޑަކަށް ހެދުމަށް ސީރިޔާގެ ރައީސް އަޙްމަދު އަލްޝަރާޢު ކުރަމުންދާ މަސައްކަތްތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.



