ހޫނުގަދަވެ، އޮސްޓްރޭލިއާގެ ވިކްޓޯރިއާގެ ޖަންގަލީގައި ރޯވެއްޖެއެވެ.
ވިކްޓޯރިއާ ސްޓޭޓަށް ކުރިމަތިވެފައިވާ ގަދަ ހޫނުގެ ސަބަބުން ޖަންގަލިތަކުގައި ރޯވި ބޮޑު އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް އެތައް ހާސް ފަޔާ ފައިޓަރުންނެއް މިހާރުވަނީ ނުކުމެ އޮޕަރޭޝަން ފަށައިފައެވެ.
މިހާތަނަށް 300,000 ހެކްޓަރު (741,316 އޭކަރު) ގެ ސަރަހައްދެއްގައި އަލިފާން ރޯވެފައިވާއިރު، އަދިވެސް 10 ތަނެއްގައި އަލިފާންގަނޑު ދަނީ ނުނިވި އަނދަމުންނެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މި ނުރައްކާތެރި އަލިފާނުގެ ހާދިސާތަކުގެ ސަބަބުން މިހާތަނަށް 130 އަށް ވުރެ ގިނަ އިމާރާތް ވަނީ އަނދައި ހުލިވެފައެވެ. މީގެ އިތުރުން، އަލިފާނުގެ ސަބަބުން ކުރިމަތިވި ގެއްލުންތަކާ ގުޅިގެން 38,000 އަށް ވުރެ ގިނަ ގެތަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައެވެ.
ވިކްޓޯރިއާގެ ޕްރިމިއާ ޖެސިންޓާ އެލަން ވިދާޅުވީ، އަލިފާން ނިއްވުމުގެ މަސައްކަތުގައި އެތައް ހާސް ފަޔާ ފައިޓަރުންނެއް ރެޔާއި ދުވާލު ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި މިއީ 2019-2020 ވަނަ އަހަރު ކުރިމަތިވި ’ބްލެކް ސަމާ‘ އަލިފާންގަނޑުގައި 33 މީހުން މަރުވި ހާދިސާއަށް ފަހު، އެ ސްޓޭޓަށް ކުރިމަތިވި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާ ކަމަށް އޭނާ ފާހަގަކުރިއެވެ.
މި ހާދިސާގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ މެލްބަންގެ އުތުރުން 112 ކިލޯމީޓަރު ދުރުގައި އޮންނަ ލޯންގްވުޑް ޓައުން ކައިރީގެ ސަރަހައްދުތަކަށެވެ. އެ ސަރަހައްދުން އެކަނިވެސް 130,000 ހެކްޓަރުގެ ބިން އަނދާފައިވާއިރު، 30 އިމާރާތަކާއި ގިނަ އަދަދެއްގެ ދަނޑުބިންތައް ވަނީ އަޅިއަށް ވެފައެވެ. ލޯންގްވުޑްގައި ރޯވި އަލިފާންގަނޑުގެ ތެރޭގައި ގިނަ އަދަދެއްގެ އުޅަނދުފަހަރުވެސް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އަލިފާން ރޯވި ސަރަހައްދުގައި ހުރި އެތައް ސަތޭކަ އަވަށަކުން މީހުން މިހާރު ވަނީ ހުސްކޮށްފައެވެ. އަދި ނުރައްކާ ބޮޑުވުމުގެ ސަބަބުން އެ ސްޓޭޓުގެ ގިނަ ޕާކުތަކާއި ކޭމްޕްގްރައުންޑްތައް ވަނީ އާންމުންނަށް ބަންދުކޮށްފައެވެ.



