އިންޑިއަން އައިޑޮލް ސީޒަން 3 ކާމިޔާބުކޮށް ބޮޑު މަގުބޫލުކަމެއް ހޯދި ލަވަކިޔުންތެރިޔާ އަދި އެކްޓަރު ޕްރަޝަންތް ޓަމަންގް ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.
އުމުރުން 46 އަހަރުގެ ޕްރަޝަންތް މަރުވީ ހާޓް އެޓޭކެއް ޖެހިގެން ދިއްލީގެ ދްވަރަކާ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.
އިންޑިއަން އައިޑޮލްގެ ތާރީޚުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދުމަށްފަހު، ޕްރަޝަންތް ވަނީ މިއުޒިކީ ދާއިރާގެ އިތުރުން ފިލްމީ ދާއިރާގައިވެސް ފައިތިލަ ސާބިތުކޮށްފައެވެ. އޭނާ އެކްޓިން އަށް ނުކުމެފައި ވަނީ 2010 ވަނަ އަހަރު ރިލީޒް ކުރި ނޭޕާލް ފިލްމު ”ގޯރްކާ ޕަލްޓަން“ އިންނެވެ.
އޭގެ ފަހުން އޭނާ ވަނީ ގިނަ ފިލްމުތަކެއްގައި މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި ”އަންގަލޯ ޔޯ މާޔާ ކޯ“ (2011)، ”ކިނާ މާޔާ މާ“ (2011)، ”ނިޝާނީ“ (2014)، ”ޕަރްދޭސީ“ (2015) އަދި ”ޔޭ މާޔާ ހަނައިމާ“ (2016) ހިމެނެއެވެ. މީގެ އިތުރުން މަގުބޫލު ޓީވީ ޝޯ ”އަމްބަރް ދަރާ“ އިންވެސް އޭނާ ފެނިގެންގޮސްފައިވެއެވެ.
ޕްރަޝަންތް އެންމެ ފަހުން ފެނިގެން ދިޔައީ ”ޕާތަލް ލޮކް“ ސީޒަން ދޭއްގައެވެ. އަދި ސަލްމާން ޚާންގެ ކުރިއަށް އޮތް ހަނގުރާމައިގެ ޑްރާމާ ”ބެޓްލް އޮފް ގަލްވާން“ ގައި ވެސް އޭނާ މުހިންމު ރޯލަކުން ފެނިގެންދާނެ ކަމަށް މައުލޫމާތު ލިބެއެވެ.
ޕްރަޝަންތްގެ ކުއްލި މަރާ ގުޅިގެން އޭނާގެ އާއިލާއިން އަދި ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ.



