މި ދުވަސްވަރު ތައިލޭންޑްގެ ވެރިރަށް ބެންކޮކްގައި ވެސް ވައި ވަރަށް ބޮޑަށް ނުސާފުވެފައިވާތީ އެކަމަަށް ސަމާލުވާން ބެންކޮކް މެޓްރޮޕޮލިޓަން އެޑްމިނިސްޓްރޭޝަން (ބީއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ.
ބީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި މި މަހުގެ 9 ވަނަ ދުވަހުން ފެށިގެން ބެންކޮކްގެ ވައި ވަނީ ވަރަށް ބޮޑަށް ނުސާފުވެފައެވެ.
އަދި މި ހާލަތު އެންމެ ބޮޑަށް ގޯސްވާނެ ކަމަށް ލަފާކުރެވެނީ މި މަހުގެ 12 އިން 15 އަށް ކަމަށް އެ އިދާރާއިން ބުނެއެވެ. މި މުއްދަތުގައި ވައިގެ ނުސާފުކަން ރަތް އެލާޓް ލެވެލްއަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ވައި ނުސާފުވުމުގެ ސަބަބުން ކުރިމަތިވެދާނެ ސިއްހީ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، ސަރުކާރާއި އަމިއްލަ އޮފީސްތަކުގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ބީއެމްއޭ އިން ވަނީ އެދިފައެވެ.
މީގެ އިތުރުން، އާންމުން ވީހާވެސް ބޮޑަށް ބޭރަށް ނުކުތުން މަދުކުރުމަށާއި، ކޮންމެހެން ބޭރަށް ނުކުންނަންޖެހޭ ހާލަތްތަކުގައި މާސްކް އެޅުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވެސް އެ އިދާރާއިން ވަނީ ނަސޭހަތްތެރިވެފައެވެ.
މޫސުމާ ބެހޭ އިދާރާތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ބެންކޮކްގެ ވައިގެ ނުސާފުކަން ރަނގަޅުވާން ފަށާނެ ކަމަށް ބެލެވެނީ މި މަހުގެ 16 ނުވަތަ 17 ހިސާބުގައެވެ. އެހާތަނަށް އާންމުން ސިއްހީ އިރުޝާދުތަކަށް ފުރިހަމައަށް ބޯލެނބުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އެދިފައެވެ.




