އީރާނުގައި ސަރުކާރާ ދެކޮޅަށް މުޒާހަރާތަކެއް ކުރަމުންދާ ދަނޑިވަޅެއްގައި، އެ ގައުމުގެ އެކި ސިޓީތަކުގައި ސަރުކާރަށް ތާއީދުކޮށް އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ މުޒާހަރާ ކުރަން ފަށާފައިވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓްކޮށްފިއެވެ.
އީރާނުގައި ސަރުކާރާ ދެކޮޅު މުޒާހަރާތައް ފެށިފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. މި މުޒާހަރާތައް ފެށުމުގެ މައިގަނޑު ސަބަބަކީ އީރާނުގެ ފައިސާ، ރިޔާލްގެ އަގު ވަރަށް ބޮޑަށް ދަށަށް ދިއުމާ ގުޅިގެން ގްރޭންޑް ބާޒާރުގެ ފިހާރަތައް ބަންދުކުރުމެވެ. މިއާއެކު ގައުމުގެ އިގްތިސާދީ ހާލަތު ދަށްވުމުގެ ޝަކުވާއާއެކު އާންމުން ވަނީ މަގުތަކަށް ނުކުމެފައެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މި ހަމަނުޖެހުންތަކުގައި މިހާތަނަށް 500 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
އީރާނުގެ ވެރިރަށް ތެހެރާނުން އަލްޖަޒީރާއަށް މައުލޫމާތު ދެމުން ނޫސްވެރިޔާ ތޯހިދު އަސަދީ ބުނީ، ސަރުކާރަށް ތާއީދުކޮށް ބާއްވާ ހަރަކާތްތަކުގައިވެސް އެތައް ހާސް ބަޔަކު ބައިވެރިވަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް މަދު ގަޑިއިރުތަކެއްގެ ތެރޭގައި އިތުރު ބޮޑު މުޒާހަރާއެއް ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ސަރުކާރަށް ތާއީދުކުރާ މީހުން އާންމުކޮށް އެއްވެ އުޅޭ ނަގަލަބީ ސްކޮޔާގައެވެ. އީރާނުގެ ސަރުކާރުގެ އިސް އޮފިޝަލުން ވެސް ވަނީ ސަރުކާރަށް ތާއީދުކޮށް ބާއްވާ މި މުޒާހަރާތަކުގައި ބައިވެރިވުމަށް ރައްޔިތުންނަށް ހިތްވަރު ދެއްވާފައެވެ.




