މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުކޮޅު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ގިނަ އަދަދެއްގެ ޑޮލަރުތަކެއް ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގެ ތުހުމަތުގައި މިދިޔަ އަންގާރަ ދުވަހު ހައްޔަރު ކޮށްފައިވަނީ، ރ.މަޑުއްވަރި، މީޒާން / އިސްމާޢީލް ސިރްޙާން (30އ.) އެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލައިގެ ތުހުމަތުގައި މިހާތަނަށް ޖުމްލަ 8 މީހަކު ވަނީ ހައްޔަރުކޮށްފައިވެއެވެ. މި އެންމެންވެސް ތިބީ ބަންދުގައި ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ އިތުރު މީހުންނަކީ:
° ގއ. ވިލިނގިލި، ބިނާ / ޢަބްދުލްއައްވަލް އިބްރާހީމް އަބޫބަކުރު (27އ)
° ތ. ވިލުފުށި، އެހީވާގެ / އަޙްމަދު މާޙިދު (44އ)
° ސ. ހިތަދޫ، ވަށަގުލިމާގެ / ޢަލީ އަފްޒަލް (21އ)
° ލ. މާވަށް، ރޭޝަމް / މާޒިން މޫސާ (25އ)
° މާލެ، މ. ކޯރަސް / އަޙްމަދު ރައިހާން ނަޢީމް (20އ)
° ކ. ގުރައިދޫ، އަޅިވިލާގެ / އިބްރާހީމް އަނޫފް (24އ)
° ކ. ގުރައިދޫ، އަޅިވިލާގެ / ޙުސައިން ޝަހުދު (30އ)
މިމައްސަލައާ ގުޅިގެން އިތުރު ހަތަރު މީހަކު ފުރުން މަނާކޮށްފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް، އެ މީހުންގެ ވަނަވަރު ހާމައެއް ނުކުރެއެވެ.
ޓެކްސީއެއްގައި ބަޔަކު އެއާޕޯޓަށް ގޮސް ޑޮލަރު ހުރި ސޫޓުކޭސްތައް ފޭރިގަނެގެން ފިލީ ލޯންޗެއްގައެވެ. އެ ލޯންޗު އަތުލައިގަތްކަން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން އެ ދުވަހު ވިދާޅުވި ނަމަވެސް، ގެއްލުނު ފައިސާއަށްވީ ގޮތް އަދިވެސް ފުލުހުން ހާމަކޮށްފައި ނުވެއެވެ.



