ޑިކްލެއަރ ނުކޮށް ރާއްޖެއިން ބޭރުކުރަން އުޅުނު 9 ލައްކައަށް ވުރެ ގިނަ ރުފިޔާއާ އެއްވަރުގެ ބޭރު ފައިސާ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން މި ފައިސާތައް އަތުލައިގެންފައިވަނީ މި މަހުގެ 7 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރަން ދިޔަ އިންޑިއާ ރައްޔިތެއްގެ އަތުންނެވެ.
އެ މީހާގެ އަތުން އަތުލައިގަތް ފައިސާގެ ތެރޭގައި އެކި ޤައުމުތަކުގެ ފައިސާ ހިމެނޭއިރު، އެ ފައިސާގެ ޖުމްލަ އަދަދު 905,669.80 ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސްއިން މަޢުލޫމާތު ދެއެވެ.
ރާއްޖެއިން ބޭރަށް ގިނަ އަދަދެއްގެ ފައިސާ ގެންދާނަމަ، އެކަން ކަސްޓަމްސްއަށް ޑިކްލެއަރ ކުރަން ޤާނޫނާއި ޤަވާޢިދު ލާޒިމުކުރެއެވެ. އެގޮތުން 10,000 އެމެރިކާ ޑޮލަރަށް ވުރެ އިތުރު އަދަދެއްގެ ފައިސާ ރާއްޖެއިން ބޭރަށް ގެންދާނަމަ ނުވަތަ އެތެރެކުރާނަމަ ކަސްޓަމްސްއަށް ރިޕޯޓްކޮށް ޑިކްލެއަރ ކުރަންޖެހެއެވެ.
މީގެ އިތުރުން އެ ފައިސާއަކީ ޞައްޙަ ގޮތުގައި ހޯދާފައިވާ ފައިސާކަން ސާބިތުކޮށްދޭ ލިޔެކިޔުންތައް ވެސް ހުށަހަޅަން ޖެހެއެވެ.




