އިންޑިއާގެ ވެސްޓް ބެންގާލްގައި ނުރައްކާތެރި ނިޕާހް ވައިރަސް ފެތުރެން ފަށައިފިއެވެ.
މި ބައްޔަކީ 1999 ވަނަ އަހަރު ފުރަތަމަ ފެނުނު ބައްޔެއް ނަމަވެސް، އޭގެ ފަހުން ދޭތެރެދޭތެރެއިން މި ބަލި ފެންނަމުންދެއެވެ. ނިޕާހް ވައިރަސް އަކީ ފަސޭހައިން ގައިން ގަޔަށް އަރާ، ފުރާނައަށް ނުރައްކާވާ ފަދަ ބައްޔެކެވެ.
މި ބަލި އިންސާނުންގެ ގަޔަށް ޖެހުން އެންމެ ގާތީ ވާލުގެ ޒަރީއާއިން ނުވަތަ ޖަނަވާރުންގެ ނަޖިހުގެ ޒަރީއާއިންނެވެ.
މިހާތަނަށް ވެސްޓް ބެންގާލުން މި ބަލީގެ ފަސް ވޭދަނައެއް ވަނީ ފެނިފައެވެ. އޭގެ ތެރޭގައި ނޯތު 24 ޕަރްގަނާސް ޑިސްޓްރިކްޓްގެ ބަރަސްތުގެ އަމިއްލަ ހޮސްޕިޓަލެއްގައި މަސައްކަތް ކުރާ ފިރިހެން ނަރުހަކާއި އަންހެން ނަރުހެއް ހިމެނެއެވެ. މި ދެ މީހުންނަށްވެސް މިހާރު ފަރުވާދެމުން ދަނީ އައިސީޔޫގައެވެ.
މީގެ އިތުރުން، ބެލެގަޓާގެ އިންފެކްޝަސް ޑިޒީޒް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ އިތުރު ތިން މީހަކުވެސް ވަނީ މި ބައްޔަށް ފައްސިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޑޮކްޓަރަކާއި ނަރުހެއްގެ އިތުރުން ސިއްހީ ހިދުމަތްތެރިއެކެވެ.
މިދިޔަ ހޯމަ ދުވަހު އެ ސްޓޭޓުން ފުރަތަމަ މީހަކު ފައްސިވުމާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސަރުކާރުން ވަނީ 100 އެއްހާ މީހުން ކަރަންޓީނުކޮށްފައެވެ.
ވެސްޓް ބެންގާލް ހެލްތު ޑިޕާޓްމަންޓްގެ އިސް އޮފިޝަލަކު ޕީޓީއައި އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ހަފުތާގެ ކުރީކޮޅު ފައްސިވި ދެ ނަރުހުންގެ ތެރެއިން ފިރިހެން ނަރުހުގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށެވެ.
ނަމަވެސް، އަންހެން ނަރުހުގެ ހާލު އަދިވެސް ސީރިއަސް ކަމަށާއި، ދެ މީހުންނަށްވެސް އައިސީޔޫގައި މެދުނުކެނޑި ފަރުވާ ދެމުންދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.



