އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ އިންތިޚާބު މި މަހުގެ 24 ވަނަ ދުވަހު ބާއްވަން ނިންމައި އިއުލާނުކޮށްފި އެވެ.
މިކަމާއި ގުޅޭގޮތުން އެ އެސޯސިއޭޝަނުން އާންމުކުރި އިއުލާނުގައި ބުނެފައިވަނީ، އެ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ ދައުރު ހަމަވާތީ، ކޮމިޓީގެ އާ ދައުރުގެ މަގާމުތަކަށް މީހުން އިންތިޚާބުކުރުން، މިމަހުގެ 24 ވަނަ ދުވަހު ބާއްވާ އެސޯސިއޭޝަންގެ އާންމު ޚާއްސަ ޖަލްސާގައި ކުރިޔަށް ގެންދަން އެސޯސިއޭޝަންގެ ހިންގާ ކޮމިޓީން ނިންމާފައި ވާކަމަށެވެ.
މި ނިންމުމާއި ގުޅިގެން، އެ އެސޯސިއޭޝަނުންވަނީ ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފަ އެވެ. އެގޮތުން، މަގާމުތަކަށް ކުރިމަތިލާންް ބޭނުންވާ ފަރާތްތަކުން ”އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް“ ފުރިހަމަ ކުރުމަށްފަހު 15 މެއި 2024 ވަނަ ދުވަހުގެ މެންދުރު 12.00ގެ ކުރިން އެސޯސިއޭޝަންގެ އީމެއިލް mdv@mf.worldathletics.org އަށް ނުވަތަ ވައިބަރ ނަމްބަރ 7893838 އަށް ފޮނުވައި ދިނުމަށް އެސޯސިއޭޝަނުން އެދިފައި ވެއެވެ.
ހިންގާ ކޮމިޓީއަށް އިންތިޚާބުކުރަނީ، އެސޯސިއޭޝަންގެ ރައީސާއި، ނައިބު ރައީސާއި، ޚާޒާންދާރުގެ އިތުރުން ހިންގާ ކޮމިޓީގެ ތިން މެންބަރުންނާއި، އަންހެން މެންބަރެވެ.



