ބ. އަތޮޅުގެ އިހުތިސާސްތެރޭގައި އޮންނަ ވިލިގިނލިފަރު ފިނޮޅު ކުއްޔަށް ދީފި އެވެ.
މިކަމާއި ގުޅޭގޮތުން ބ. އަތޮޅު ކައުންސިލުން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން 10 އަހަރު ދުވަހުގެ މުއްދަތަކަށް ވިލިގިނލިފަރު ފިނޮޅު ކުއްޔަށް ދީފައިވާކަމަށެވެ. ކުއްޔަށްދިނީ ކިހާވަރަކަށްކަމެއް ކައުންސިލުން ހާމަކޮށްފައެއްވެ ނުވެއެވެ.
އެ ފަޅު ކުއްޔަށް ދީފައިވަނީ މާލެ ސިޓީ މީހެއްކަމަށްވާ މއ. ފްރީޕާކް، މުހްދިން އާމިރުއަށެވެ. މުހްދިންއަށް ފިނޮޅު ކުއްޔަށް ދީފައިވަނީ ކައުންސިލުން އެ ފިނޮޅު ކުއްޔަށްދޭން ހުޅުވާލި ފުރުސަތުގައި، ޝައުޤުވެރިކަން ފާޅުކޮށް، އޭނާ ހުށަހެޅި ޕްރޮޕޯސަލް ކާމިޔާބު ކުރުމުންނެވެ.
ކައުންސިލުން ބުނީ، މިހާރު އެފިނޮޅު މުހްދިންއާ ހަވާލުކޮށްފައިވާކަމަށާއި، މީގެ ފަހުން ފިނޮޅަށް އެރޭނީ އޭނާގެ ހުއްދަ އޮވެގެންކަމަށެވެ.
ވިލިގިނލިފަރު ފިނޮޅުގެ އިތުރުން، ނުރައުފުރިފަރު ފިނޮޅާއި، ގިރާވަރު ފިނޮޅު 01 (އިރުމަތީ ފިނޮޅު) އަދި ގިރާވަރު ފިނޮޅު 02 (ހުޅަނގު ފިނޮޅު) ކުއްޔަށް ދިނުމަށް ވެސް އެ ކައުންސިލުން ވަނީ އިއުލާނުކުރި އެވެ. އެހެންނަމަވެސް އަދި އެފިނޮޅުތަކާމެދު ނިންމިގޮތް ހާމަކޮށްފައެއް ނުވެއެވެ.




