ޗިލީގެ ޖަންގަލީގައި ރޯވި ނުރައްކާތެރި އަލިފާންގަނޑު ކޮންޓްރޯލުން ނެއްޓި ފެތުރެމުން ދިއުމުގެ ސަބަބުން މިހާތަނަށް 18 މީހުން މަރުވެ، 50،000 އަށް ވުރެ ގިނަ މީހުންނަށް އޭގެ އަސަރުކޮށްފިއެވެ.
މި ހާދިސާއާ ގުޅިގެން އެ ގައުމުގެ ސަރުކާރުން މިހާރު ވަނީ ކުއްލި ހާލަތު އިއުލާންކޮށްފައެވެ.
ޗިލީގެ ފޮރެސްޓްރީ އޭޖެންސީ، ކޯނާފް އިން ހާމަކޮށްފައިވާ ގޮތުގައި އިއްޔެ ހެނދުނާ ހަމައަށް އެ ގައުމުގެ އެކި ހިސާބުތަކުގެ 24 ތަނެއްގައި އަލިފާން ރޯވެފައިވެއެވެ. ފަޔާ ފައިޓަރުން އަލިފާން ނިއްވުމުގެ ބުރަ މަސައްކަތް ކުރަމުންދާއިރު، އެންމެ ބޮޑަށް އަލިފާން ފެތުރިފައި ވަނީ ވެރިރަށް ސެންޓިއާގޯގެ ދެކުނުން ގާތްގަނޑަކަށް 500 ކިލޯމީޓަރު ދުރުގައި އޮންނަ ނިއުބަލް އަދި ބަޔޯބިއޯ ސަރަހައްދުގައެވެ.
”މިހާރު ހިނގަމުންދާ ޖަންގަލިތަކުގައި ރޯވެ އަނދަމުންދާ އަލިފާންގަނޑުގެ ސަބަބުން ނުބްލޭ އާއި ބަޔޯބިއޯ ސަރަހައްދަށް ކުއްލި ހާލަތު އިއުލާން ކުރަން އަޅުގަނޑު ނިންމީ. ހުރިހާ ވަސީލަތްތަކެއް ވެސް އެބަހުރި،“ ޗިލީގެ ރައީސް ގަބްރިއެލް ބޮރިކް ވިދާޅުވިއެވެ.
ރައީސް ވަނީ އަލިފާން ނިއްވުމަށް ހުރިހާ ބާރެއް ބޭނުންކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
އަލިފާންގަނޑުގެ ސަބަބުން މިހާތަނަށް އެ ދެ ސަރަހައްދުން 8،500 ހެކްޓަރުގެ ބިން ވަނީ އަނދައި ހުލިވެފައެވެ. މީގެ އިތުރުން، އާންމުން ދިރިއުޅޭ ބޮޑެތި ސަރަހައްދުތަކަށް އަލިފާންގަނޑުގެ ނުރައްކާ އިންތިހާއަށް ބޮޑުވެފައިވާ ކަމަށް އޮފިޝަލުން ފާހަގަކުރައްވައެވެ.
އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތަށް އެންމެ ބޮޑު ހުރަހަކަށް ވެފައި ވަނީ ވައިގަދަވުމާއި ހޫނުމިން މަތިވުމެވެ. ޗިލީގެ މޫސުމާ ބެހޭ އިދާރާތަކުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް އާދިއްތަ އަދި ހޯމަ ދުވަހު ސެންޓިއާގޯ އިން ފެށިގެން ބަޔޯބިއޯއާ ހަމައަށް ފިނިހޫނުމިން 38 ޑިގްރީ ސެލްސިއަސް އަށް އަރާނެއެވެ.
މި ހޫނުމިނުގެ ސަބަބުން އަލިފާންގަނޑު އިތުރަށް ފެތުރިގެންދާނެ ކަމުގެ ބިރު އޮތުމާއެކު، ގިނަ ސަރަހައްދުތަކަށް މިހާރު ވަނީ ހޫނު ގަދަވެދާނެ ކަމުގެ އިންޒާރު ނެރެފައެވެ.
ޗިލީ ސަރުކާރުން ދަނީ ރައްކާތެރި ސަރަހައްދުތަކަށް މީހުން ބަދަލުކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.



