އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ބާރުގަދަ އެއްޗެއް ގޮވުމުގެ ސަބަބުން ގިނަ އަދަދެއްގެ މީހުން މަރުވެ، އެތައް ބަޔަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ކާބުލްގެ ސަލާމަތީ ކަންކަން އެންމެ ވަރުގަދަ އެއް ސަރަހައްދު ކަމަށްވާ ޝަހްރުއްނައު އަވަށުގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ގޮވުން ގޮވާފައިވަނީ ގިނަ އަދަދެއްގެ ބޭރު މީހުން ދިރިއުޅޭ އެ އަވަށުގައި ހުރި ހޮޓަލެއްގައެވެ. މި ހާދިސާއާ ގުޅިގެން އަފްޣާނިސްތާނުގެ ދާޚިލީ ވުޒާރާގެ ތަރުޖަމާނު ޢަބްދުލް މަތީން ޣަނީ ވިދާޅުވީ، ހާދިސާގައި ގިނަ ބަޔަކު މަރުވެފައިވާ ކަމަށާއި، ނަމަވެސް މަރުވި މީހުންގެ ސީދާ އަދަދާއި އިތުރު ތަފްސީލުތައް ފަހުން ހާމަކުރައްވާނެ ކަމަށެވެ.
ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ މި ގޮވުން ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުންނެވެ. މިއީ ހަތިޔާރު އެޅި ޖަމާއަތަކުން ދިން ހަމަލާއެއް ކަމެއް ނުވަތަ ނޫންކަމެއް އަދި މިހާތަނަށް ކަށަވަރު ކުރެވިފައެއް ނުވެއެވެ. އަދި މި ހާދިސާގެ ޒިންމާ މިހާތަނަށް އެއްވެސް ޖަމާއަތަކުން އުފުލާފައެއް ނުވެއެވެ.
2021 ވަނަ އަހަރު އަފްޣާނިސްތާނުގެ ވެރިކަމާ ތާލިބާނުން ހަވާލުވި ފަހުން އެ ގައުމުގައި ދޭ މިފަދަ ހަމަލާތަކުގެ އަދަދު ވަނީ ނިސްބަތުން މަދުވެފައެވެ. ނަމަވެސް، އައިސިސްއާ ގުޅުންހުރި ބައެއް ހަތިޔާރު އެޅި ޖަމާއަތްތަކުން ދަނީ އަދިވެސް އެ ގައުމުގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންނެވެ.



