ނެޓްފްލިކްސް އާއި ވާނާ ބްރޯސް ޑިސްކަވަރީ އެއްކޮށްލުމަށް ކުރަމުންދާ މަސައްކަތްތަކާއެކު، ސަބްސްކްރިޕްޝަންގެ އަގުތަކަށް ހެޔޮ ބަދަލެއް އަތުވެދާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ނެޓްފްލިކްސް އިން މިދިޔަ އަންގާރަ ދުވަހު އިންވެސްޓަރުންނާ ބައްދަލުކޮށް ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އެ ކުންފުނީގެ ވިޔަފާރި އަންނަނީ ވަރަށް ބާރަށް ކުރިއަރަމުންނެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނެޓްފްލިކްސް ބޭނުންކުރާ މީހުންގެ އަދަދު މިހާރު ވަނީ 325 މިލިއަނަށް ވުރެ މައްޗަށް އަރާފައެވެ. 2025 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ކުންފުނީގެ އާމްދަނީ 15 އިންސައްތަ އިތުރުވެފައިވާއިރު، އޮޕަރޭޓިން އާމްދަނީވެސް ވަނީ 30 އިންސައްތަ މައްޗަށް ގޮސްފައެވެ.
ނެޓްފްލިކްސްގެ ކުރިއަށް ހުރި ޕްލޭންތަކުގެ ތެރޭގައި، 70 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް ނަގުދު ފައިސާއިން ދައްކައިގެން ވާނާ ބްރޯސް ޑިސްކަވަރީ ގަތުމަށް ހުށަހެޅުން ހިމެނެއެވެ. ނަމަވެސް، މި ބޮޑު މުއާމަލާތާ މެދު އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި މީޑިއާ މާހިރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި އެއްބަސްވުން ކުރިއަށް ގެންދެވޭނީ ޓްރަމްޕްގެ ސަރުކާރުގެ ރެގިއުލޭޓަރީ އިދާރާތަކުން ހުއްދަ ލިބިގެންނެވެ.
މި މުއާމަލާތުގެ ތެރެއަށް މަޝްހޫރު މީޑިއާ ކުންފުނި ޕެރަމައުންޓުން ވެސް ވަނީ ވަދެފައެވެ. ޕެރަމައުންޓްގެ އިސްވެރިން އަންނަނީ ނެޓްފްލިކްސްގެ ބަދަލުގައި އެ ކުންފުންޏަށް ވާނާ ބްރޯސް ގަތުމުގެ ފުރުސަތު ދިނުމަށް އެދި ޓްރަމްޕްގެ ސަރުކާރަށް ނުފޫޒު ފޯރުވަމުންނެވެ. މިއާއެކު މި މުއާމަލާތް ކާމިޔާބުވާނެ ކުންފުންޏަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.
އެމެޒޯން އަދި ގޫގްލް ފަދަ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކާ ވާދަކުރުމުގެ ގޮތުން، ނެޓްފްލިކްސް އިން މިހާރު ވަނީ ކުޅިވަރުގެ ދާއިރާއަށާއި، ވީޑިއޯ ޕޮޑްކާސްޓް އަދި ލައިވް އިވެންޓްތަކުގެ ދާއިރާއަށް ވެސް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަން ފަށައިފައެވެ.
އަންނަ އަހަރު ކޮންޓެންޓް އުފެއްދުމަށާއި އައު އެސެޓްތައް ހޯދުމަށް ބޮޑު ހޭދައެއް ކުރުމަށް ނެޓްފްލިކްސް އިން ވަނީ ނިންމާފައެވެ.


