ޣައްޒާގެ ހިންގުމާ ޙަވާލުވުމަށް އެކުލަވައިލާ ޞުލްޙައިގެ ބޯޑާ ގުޅުމަށް ޕާކިސްތާނުން ނިންމައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ރަސްމީ ބަޔާނެއްގައެވެ.
ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ބުނި ގޮތުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްވެ ހުންނަވާ އުފައްދަވާފައިވާ މި ޞުލްޙައިގެ ބޯޑާ ޕާކިސްތާނުން ގުޅެނީ ޣައްޒާގައި ދާއިމީ ގޮތަކަށް ޞުލްޙާ ޤާއިމް ކުރުމަށް އެހީތެރިވުމުގެ މަޤްޞަދުގައެވެ.
މި މަސައްކަތުގެ ތެރެއިން ޣައްޒާގައި ދާއިމީ ގޮތަކަށް ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށާއި، ހަނގުރާމައިގައި ސުންނާފަތިވެފައިވާ ޣައްޒާ އަލުން އާރާސްތުކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅޭނެ ކަމަށް އުންމީދު ކުރާ ކަމަށްވެސް އެ ޤައުމުން ބުނެފައިވެއެވެ.
ޕާކިސްތާނުން މި ނިންމުން އިޢުލާނުކޮށްފައި މިވަނީ އެ ޤައުމުގެ އަސްކަރިއްޔާގެ ވެރިޔާ، ފީލްޑް މާޝަލް އާސިމް މުނީރު، ސްވިޒަލެންޑުގެ ޑަވޮސްއަށް ކުރައްވާ ދަތުރުފުޅެއްގެ ތެރެއިންނެވެ. މި ދަތުރުފުޅުގައި މުނީރުއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް، ރައީސް ޑޮނަލްޑް ޓްރަމްޕްއާ ބައްދަލުކުރައްވާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޣައްޒާގެ ކަންކަން ބެލެހެއްޓުމަށް އުފައްދާ މި ބޯޑުގައި ބައިވެރިވުމަށް އެމެރިކާއިން ވަނީ ޖުމްލަ 60 ޤައުމަކަށް ދަޢުވަތު ދީފައެވެ. ނަމަވެސް، މަސްރަޙު އޮތް ގޮތުން ގިނަ ޤައުމުތަކަކުން މި ބޯޑާ ގުޅުމަށް ޖެހިލުންވެއެވެ.
ޕާކިސްތާނުގެ އިތުރުން މިހާތަނަށް މި ބޯޑާ ގުޅިފައިވަނީ ޖުމްލަ 20 ޤައުމަކުންނެވެ.



