ޔޫކްރޭން، ރަޝިއާ އަދި އެމެރިކާ އެކުގައި ޔުނައިޑެޓް އަރަބް އެމުރޭޓްސްގެ ވެރިރަށް އަބޫދާބީގައި މަޝްވަރާތަކެއް ބާއްވަން ހަމަޖެހިއްޖެއެވެ.
މިއީ މީގެ ގާތްގަނޑަކަށް ހަތަރު އަހަރު ކުރިން ރަޝިއާއިން ޔޫކްރޭނަށް އަރައިގަތް ފަހުން، މި ތިން ގައުމުން އެކުގައި ބައިވެރިވާ ފުރަތަމަ މަތީ ފަންތީގެ ބައްދަލުވުމެވެ.
އަބޫދާބީގައި ބާއްވާ މި މަޝްވަރާތަކުގައި ރަޝިއާގެ އޮފިޝަލުން ބައިވެރިވާނެކަން އެ ގައުމުން މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ. މިކަން ކަށަވަރުކޮށްދީފައިވަނީ ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން އާއި އެމެރިކާގެ މަންދޫބުން ރަޝިއާގައި ބޭއްވި ބައްދަލުވުމަކަށް ފަހުގައެވެ. މި މަޝްވަރާތަކަކީ ”ހުރިހާ ގޮތަކުން ވެސް ބޭނުންތެރި“ މަޝްވަރާތަކެއް ކަމަށް ރަޝިއާއިން ސިފަކޮށްފައިވެއެވެ.
ނަމަވެސް، ޔޫކްރޭނުގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ މީގެ ކުރިން ވޯލްޑް އިކޮނޮމިކް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން، ރަޝިއާއާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ސިޔާސީ އިހުތިޔާރު ނެތް ކަމަށް ވިދާޅުވެ ޔޫރަޕްގެ ބައެއް އެކުވެރި ގައުމުތަކަށް ފާޑުވިދާޅުވެފައިވެއެވެ.
އެހެންނަމަވެސް، އެމެރިކާގެ ބައިވެރިވުމާ އެކު ގާއިމްކުރާ ސުލްހައިގެ އެއްބަސްވުމުގެ 90 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ޒެލެންސްކީ ވަނީ ހާމަކުރައްވާފައެވެ.
އާ އަހަރުގެ މުނާސަބަތުގައި ގައުމާ މުހާތަބުކޮށް ވާހަކަ ދައްކަވަމުން ޒެލެންސްކީ ވިދާޅުވީ، ޔޫކްރޭނުން ބޭނުންވަނީ ހަނގުރާމަ ނިމުމަކަށް ގެންނަން ކަމަށެވެ. ނަމަވެސް، ދިގުދެމިގެންދާނެ ބަލިކަށި ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ގާތްގަނޑަކަށް ހަތަރު އަހަރަށް ދެމިގެން ގޮސްފައިވާ މި ހަނގުރާމައިގެ ސަބަބުން ޔޫކްރޭންގެ ރައްޔިތުން ވަރަށް ބޮޑަށް ވަރުބަލިވެފައިވާކަން ފާހަގަކުރައްވަމުން، ޒެލެންސްކީ ވިދާޅުވީ ރައްޔިތުން ވަރުބަލިވި ނަމަވެސް ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް އުނިކަމެއް އަންނަ ގޮތަށް އެއްވެސް ދޫދިނުމެއް ދޭން ތައްޔާރަށް ނެތް ކަމަށެވެ.



